ޚަބަރު

މަޖިލީހުގެ ރައީސް މަސައްކަތްކުރައްވަނީ އިތުބާރު ނެތަސް މަޤާމުގައި ދެމިހުންނަވަން: އަސްލަމް


  • މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދަވާތީ އެމްޑީޕީން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

  • މަޖިލިސް ހުއްޓާލާފައިވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައިފައިވާ ދަނޑިވަޅެއްގައި.

  • މަޖިލީހުގައި ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަމަށް މެންބަރު އަސްލަމް ވިދާޅުވި.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްނަމަވެސް، އެ މަޤާމުގައި ދެމިހުންނަވަން މަސައްކަތްކުރައްވާ ކަމަށާއި، މަޖިލިސް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ފުރިހަމަ މަގަކީ، އިސްތިޢުފާ ދެއްވުންކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވީ، މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވެވި ޖަލްސާކުރިއަށް ނުގެންދަވާ ނިންމާލެއްވާލެއްވުމުން، އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމަށް ބޭއްވެވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުއްޓައި، މަޖިލިސް ކުރިއަށް ނުގެންދަވާތީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ގެންދަވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިކަމާ ގުޅޭގޮތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލިސްގެ މަސައްކަތްތައް ހުއްޓާލައްވާފައި އޮތުމަކީ މަޖިލީހުގެ މެންބަރުންނަށް އިޙްތިރާމް ނުކުރައްވައި، މަޖިލީހުގެ އިދާރާއިންނާއި، ރިޔާސާތުން ކުރައްވާފައިވާ ކަމެއްކަމަށެވެ. އަދި އަލުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާފައި ވާނީ މަޖިލީހުގެ ޤަވާޢިދާއި ޤާނޫނުގެ އިމުގެ ތެރެއިންކަމަށް ވެސް މެންބަރު އަސްލަމް ވަނީ ފާހަގަކުރައްވާފައިވެއެވެ.

މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސްއެޅި، ހުއްޓިފައިވަނީ، މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ، އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގުރޫޕުން މަޖީލީހަށް ހުށަހަޅުއްވައިފައިވާ ދަނޑިވަޅެއްގައެވެ.

"އިމްތިޔާޒުގެ މައްސަލަތައް ވެސް މިހާރު ކޮމެޓީތަކަށް ހުށަހެޅިފައި އެބަ ހުރި. މަޖިލީހުގެ ޤަވާޢިދު ތަކުރާރުކޮށް، ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރިޔަށް ނުދާތަން އަޅުގަނޑުމެންނަށް ނުފެންނާތީވެ ހުށަހަޅާފައިވާ މައްސަލަތަކެއް އެއީ" މެންބަރު އަސްލަމް ވިދާޅުވިއެވެ.


އަސްލަމް ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ޤަވާޢިދުގެ ތެރެއިން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވަން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް އެކަމަށް އެއްބާރުލުން ނުދެއްވާކަމަށް ވެސް އަސްލަމް ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މަޖިލީހުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން، މަޖިލިސް ކުރިއަށް ގެންދެވޭނެ މަގެއް ހޯދަން. މަޖިލިސް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ފުރިހަމަ މަގަކީ މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްކަމުގެ މަޤާމުގައި މިވަގުތު ތިއްބެވި ބޭފުޅުން، އިތުބާރު ގެއްލިފައިވާތީވެ، މަޤާމުން ވަކިވެވަޑައިގަތުން." މެންބަރު އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެއްވި މަސައްކަތް ކުރިއަށް ނުގެންދަވާ ޖަލްސާ ނިންމަވާލައްވާފައިވަނީ، މަޖިލީހުގައި މެންބަރުން ތަމްސީލްކުރައްވާ ޕާޓީތަކަށް އައި ބަދަލާ ގުޅިގެންނެވެ.

މަޖިލިސްގައި ނިންމަންޖެހޭ ބައެއް މުހިންމު މައްސަލަތައް ނުނިމި ވަނިކޮށް މިދައުރުގެ މަޖިލިސް ނިންމާ، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.