ޚަބަރު

ކޮމިޓީތައް އެކުލަވާލަން ބޭއްވި ޖަލްސާވެސް އެމަސައްކަތް ނުކުރެވި ނިންމާލައިފި


  • ދައުރުން ބޭރުން ބޭއްވި ޖަލްސާއަކީ ކޮމިޓީތައް އެކުލަވާލުމަށް ބޭއްވި ޖަލްސާއެއް

  • މަޖިލިސް ފެށުމަށްފަހު މާގިނައިރުތަކެއް ނުވެ ޖަލްސާ ނިންމަވާލެއްވި

  • ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އަލުން ބަދަލުކުރުމަށްފަހު ޖަލްސާ ބާއްވާނެކަން އިއުލާންކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓް އިޞްލާހުކުރަން ޖެހޭކަމަށް ވިދާޅުވެ، ދައުރުން ބޭރުން ބޭއްވެވި ޖަލްސާގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލައްވައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ، މަޖިލީހުގައި ނިންމަން ހުރި މުހިންމު މަސައްކަތްތަކެއް ނުނިންމާ މަޖިލިސް ޗުއްޓީއަށް ދިއުމުން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވެވުމަށް އެދިވަޑައިގަތުމުންނެވެ. ދައުރުން ބޭރުން ބޭއްވި މި ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

މިގޮތުން މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ބައެއް މެންބަރުން، އެމެންބަރުން ތަމްސީލު ކުރެއްވި ޕާޓީން ވަކިވެވަޑައިގެންފައިވާތީ ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އަލުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަފީފް އެ ވިދާޅުވި ދެ މެންބަރުންނަނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ. އެ ދެމެންބަރުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

"އެހެންވީމާ މިހާރު މި އައިސްފައިވާ ބަދަލާއެކު އަނެއްކާ ރިޕޯޓް އަލުން މެމްބަރުންނަށް ސާކިއުލޭޓްކުރުމަށްފަހު މި ޖަލްސާ އަނެއްކާ ކުރިއަށް ގެންދެވޭނެ..." އަފީފް ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް އެދުނީ މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތަކެއް ނިންމުމަށް ނަމަވެސް، މަޖިލީހުގެ މަސައްކަތައް ކުރިއަށް ނުގެންދަވާތީ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައިމިވަނީ، މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުއްވުމުންނެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ނިންމެވީ، އެމްޑީޕީގެ ބައެއް މެންބަރަކު އެޕާޓީން ވަކިވެވަޑައިގަތުމުން ކޮމިޓީތަކުގައި ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ބަދަލު އަންނާނެތީއެވެ.