ޚަބަރު

ޕީޕީއެމުން ވަކިޤައުމަކާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓާލުމަށް އެދިއްޖެ


  • އިންޑިއާ އައުޓް ހަރަކާތާއި ދެކޮޅުކަން ވަނީ ހާމަކޮށްފައި

  • ދަ ޑިމޮކްރެޓްސްއިން އަންނަނީ ޕީޕީއެމާއެކު މަސައްކަތްކުރުމަށް މަޝްވަރާކުރަމުން

ވަކި ޤައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަށް ނޭދޭކަމަށާއި، އެކަން ޕީޕީއެމުން ހުއްޓާލުމަށް، އަލަށް އުފެއްދުމަށް މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" ގެ މުއައްސިސް ޙަސަން ލަޠީފް އެދިވަޑައިގެންފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއާއި އަދި އަލަށް އުފެއްދުމަށް މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ ފަރާތުން އަންނަނީ ގުޅިގެން ސިޔާސީ މަސައްކަތްކުރުމަށް މަޝްވަރާތައް ކުރަމުންނެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޙަސަން ލަޠީފް ވިދާޅުވީ އެއްވެސް ޤައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ދަ ޑިމޮކްރެޓްސްއިން ނޭދޭކަމަށެވެ. ނަމަވެސް ޕީޕީއެމްއަކީ އެފަދަ ހަރަކާތްތައް ހިންގާ ޕާޓީއެއްކަމަށާއި، އެހެންކަމުން އެ ހަރަކާތްތައް ހުއްޓާލުމަށް އެޕާޓީގައި އެދޭނެކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.

"އެކަހަލަ ކަމެއް ހިންގާ ޕާޓީއެއް ޕީޕީއެމްއަކީ. އިންޑިއާ އައުޓް ހަރަކާތް. އެހެން ނަމަވެސް އެކަން އެއްކޮށް ހުއްޓާލެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް." ޙަސަން ލަޠީފް ވިދާޅުވިއެވެ.

ޙަސަން ލަޠީފް ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ ގުޅުމަށް ބުރޫ އަރާފަދަ ހަރަކާތްތަކަށްވެސް ދަ ޑިމޮކްރެޓްސްގެ ފަރާތުން ތާޢީދު ނުކުރާނެކަމަށެވެ. އޭނާ ވިދާޅުވި ހުރިހާ ސިޔާސީ ޕާޓިތަކާއެކުވެސް ގުޅިގެން މަސައްކަތްކުރާނެކަމަށާއި، ނަމަވެސް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ބަޔަކާއެކު މަސައްކަތް ނުކުރާނެކަމަށެވެ.

ޙަސަން ލަޠީފް މިހެން ވިދާޅުވިއިރު، "ދަ ޑިމޮކްރެޓްސް" އިން ގުޅިގެން ސިޔާސީ މަސައްކަތްކުރުމަށް މަޝްވަރާކުރަމުން އަންނަ އިދިކޮޅު ޕީޕީއެމް އިން އަންނަނީ އިންޑިއާއާއި ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތްތަކެއް ހިންގަމުންނެވެ. އެކަމާއި ގުޅިގެން ސަރުކާރުންވަނީ ރާއްޖެއާއި އެހެން ޤައުމުތަކާއެކު އޮންނަ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ދަށުދަރަޖައިގެ ޢަމަލުތަކުން ދުރުހެލިވެ، ޒިންމާދާރުކަމާއެކު ސިޔާސީ މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.