މި ސީޒަންގަ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން 40 ވަނަ ގޯލާއެކު ރޯމާގެ މައްޗަށް ކުރި ހޯދާ، ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލުން ރިއަލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ރޭ ރިއަލް މެޑްރިޑްގެ ދަނޑުގަ ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ2-0 ނެވެ. ރޯމާގެ ދަނޑުގައި ކުޅުނު މެޗް، ހަމަ މި ނަތީޖާއިން ރިއާލް މޮޅުވެފައި އޮތުމުގެ ސަބަބުން އެ ޓީމަށް ކުއާރޓާއިން ޖާގަ ލިބުނީ ހަތަރެއް ސުމެއްގެ އެގްރިގޭޓުންނެވެ. މި މެޗްގައި ރިއާލްގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރިގޭޒްއެވެ.
މެޗަށްފަހު ރިއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ދެ ލެގުގައިވެސް އޭނާގެ ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށެވެ. އަދި ޓީމުގެ ޑިފެންސްއާ ފޯވާރޑް ލައިނުގައިވެސް ފެނިގެން ގޮސްފައިވަނީ މޮޅު ކުޅުމެއް ކަމަށެވެ. އަދި ރޯމާގެ ކޯޗް ލޫސިއާނޯ ސްޕެލެއްތީ ބުނީ ރޭގެ މެޗްގައި ލަނޑު ޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެގެން ދިޔުމަކީ މެޗުން ބަލިވި އެއް ސަބަބު ކަމަށެވެ. ދެ ލެގުގައިވެސް ރޯމާގެ ފަރާތުން ބޭނުންވި ކުޅުން ނުފެނުނުކަމަށްވެސް އޭނާ ބުންޏެވެ. އަދި މިއަށްވުރެ ޓީމުގެ ކުޅުން ރަނގަޅު ކުރަން ޖެހޭކަމަށް ސްޕެލެއްޓީ ބުންޏެވެ.