ދުނިޔޭގެ ވިޔަފާރި

ދުވާލެއްގެ މައްޗަށް ފެންނާނެ ޓްވީޓްތަކުގެ އަދަދު ލިމިޓްކޮށްފި


  • ވެރިފައިޑް އެކައުންޓްތަކަށް ދުވާލަކު ފެންނާނީ 10000 ޓްވީޓް

  • ވެރިފައިޑް ނޫން އެކައުންޓްތަކަށް ދުވާލަކު ފެންނާނީ 1000 ޓްވީޓް

  • ވެރިފައިޑް ނޫން އެކައުންޓްތަކުން ދުވާލަކަށް ކުރެވޭނީ 500 ޓްވީޓް

ޓްވިޓަރ ބޭނުންކުރާ މީހުންނަށް އެ މީހެއްގެ އެކައުންޓުން ދުވާލަކު ފެންނާނެ ޓްވީޓްތަކުގެ އަދަދު ވަކި މިންވަރަކަށް ލިމިޓްކޮށްފިއެވެ.

ޓްވިޓަރގެ ވެރިޔާ އިލޯން މަސްކު ބުނީ ދުވާލަކު ވަކި އަދަދަކަށް ޓްވީޓް ފެންނަ ގޮތް ހަދަން ނިންމީ ބައެއް ފަރާތްތަކުން ޓްވިޓަރގެ ބޭނުން ނަހަމަ ބޭނުންކުރަމުންދިއުމުގެ ސަބަބުން ކުރިމަތިވަމުން އަންނަ މައްސަލަތައް ހައްލުކުރުމަށެވެ.

ހުކުރު ދުވަހު މި ބަދަލު ގެނެސްފައިވާއިރު، ހޮނިހިރުދުވަހު ޓްވިޓަރ ބޭނުންކުރާ ބައެއް މީހުންނަށް މައްސަލަތައް ކުރިމަތިވެގެން ރިޕޯޓްވެސްކޮށްފައިވެއެވެ.

200 މިލިއަނެއްހާ މީހުން ބޭނުންކުރާ ޓްވިޓަރއިން ފުރަތަމަ ނިންމީ ވެރިފައިޑް އެކައުންޓްތަކަށް ދުވާލަކު 6000 ޓްވީޓް ފެންނަ ގޮޮތް ހެދުމަށާއި، އަދި ވެރިފައިޑް ނޫން އެކައުންޓްތަކަށް ދުވާލަކު 600 ޓްވީޓް ފެންނަ ގޮތް ހެދުމަށެވެ. އަދި އަލަށް ހުޅުވާ އެކައުންޓްތަކުގެ ތެރެއިން ވެރިފައިޑް ނޫން އެކައުންޓްތަކުން ދުވާލަކު ކުރެވޭ ޓްވީޓްގެ އަދަދު 300އަށް ލިިމިޓްކުުރުމަށްވެސް ނިންމިއެވެ. ނަމަވެސް ފަހުން ވަނީ ލިމިޓް ކުރި މިންވަރު އިތުރުކޮށްފައެވެ. އެގޮތުން ވެރިފައިޑް އެކައުންޓްތަކަށް ދުވާލަކު ފެންނަ ޓްވީޓްގެ އަދަދު 6000 އިން 10000 އަށް އަދި ވެރިފައިޑް ނޫން އެކައުންޓްތަކަށް ދުވާލަކު ފެންނަ ޓްވީޓްގެ އަދަދު 600 އިން 1000 އަށް ވަނީ އިތުރުކޮށްފައެވެ. މީގެއިތުރުން އަލަށް ހުޅުވާ އެކައުންޓްތަކުގެ ތެރެއިން ވެރިފައިޑް ނޫން އެކައުންޓްތަކުން ދުވާލަކު ކުރެވޭ ޓްވީޓްގެ އަދަދު 300 އިން، 500 އަށް ވަނީ އިތުރުކޮށްފައެވެ.

ޓްވިޓަރއިން ބުނާގޮތުން މިއީ ބައެއް ޓެކްނިކަލް ކަންކަން ހައްލުކުރުމުގެ ގޮތުން އަޅާ ވަގުތީ ފިޔަވަޅެކެވެ.

މަޝްހޫރު ބިލިއަނަރު އިލޯން މަސްކު ޓްވިޓަރގެ ކޮންޓްރޯލް ލިބުނު ހިސާބުން އޭނާ ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ނަމަވެސް އެ ބަދަލުތަކާއި މެދު ގިނަ ބަޔަކު ހިތްހަމައެއްވެސް ނުޖެހެއެވެ. އެކަމާއި ގުޅިގެން ޓްވިޓަރއަށް ލިބޭ އިޝްތިހާރު މަދުވެ، އާމްދަނީއަށްވެސް ވަރަށް ބޮޑު އަސަރެއްކޮށްފައެވެ.