ޚަބަރު

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދެއްވައިފި


  • ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއ ިފެއްދުމުގެ ހުއްދައަށް އެދުނީ މެއި 24ގައި

  • ސިޔާސީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ހުށައެޅީ ޖޫން 1ގައި

  • މިވަގުތުވެސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް އެބައޮތް

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް، ބޭނުންވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަށެވެ. ޕާޓީ އުފެއްދުމަށް 3،600 މީހުންގެ ފޯމާއިއެކު އިލެކްޝަނަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން އަންނަނީ އެ ޕާޓީ ރަޖިސްޓްރީކުރުން ލަސްވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ސޮއިކުރައްވާ ޙަސަން ލަޠީފަށް ފޮނުއްވި ސިޓީގައި ވަނީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދައިގެ ދަށުން، ޕާޓީ އުފެއްދުމަށް ޤާނޫނުން ލާޒިމްކުރާ 3000 މީހުންގެ ފޯމް ކޮމިޝަނަށް ލިބިފައިވާކަމަށެވެ. އަދި ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދެއްވާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަންގައި އެދުނީ މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އެޕާޓީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކުރުން އަވަސްކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައެވެ. އަދި އެޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ވާދަކުރާނެކަމަށްވެސް އެޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރައްވާ ޙަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 9 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.