ޚަބަރު

'ކެޓް' އާއި 'އޮޕްކެޓް' އަށް މެމްބަރުން އަހުލުވެރިކުރަނީ


ހިއުމަން ރައިޓްސް ކޮމިޝަނުން "ސެންސަޓައިޒޭޝަން އަދި އޮރިއެންޓޭޝަން ޕްރޮގްރާމް ފޮރ ކެޓް، އޮޕްކެޓް އެކްޓަރސް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މިއަދު ދަރުބާރުގޭގައި ފެށި މި މަސައްކަތު ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު އައިޝަތު އަފްރީން މުހައްމަދު ވިދާޅުވީ މި ޕްރޮގްރާމަކީ ކެޓް އަދި އޮޕްކެޓް ކޮމެޓީގެ މެމްބަރުން އަދާކުރަންޖެހޭ ޒިންމާތަކަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެ ދެ މުއާހަދާއާ ގުޅޭ މުހިންމު މައުޟޫތަކަކަށް ވާހަކަދެކެވިގެންދާނެ ކަމަށް އަފްރީން ވިދާޅުވިއެވެ.

"މި ޓްރެއިނިންގު ޕްރޮގުރާމްގައި ވާހަކަ ދެކެވިގެންދާނެ މައުޟޫތަކަކީ، ކޮންވެންޝަން އެގެންސްޓު ޓޯޗާ، އޮޮޕްކެޓް، ނޭޝަނަލް ޕްރިވެންޓިންގް މެކައިނިޒަމް، ލޯކަލީ ގާނޫނުތަކަށް މިސާލަކަށް ޕެރޯލް ގާނޫނާއި ޓޯޗާ ގާނޫނާ ގުޅިގެން މައުލޫމާތު ދެވޭނެ" މެމްބަރު އައިޝަތު ވިދާޅުވިއެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އޭ.ޕީ.އެފް އަދި އޭ.ޓީ.ޕީ އާއި ގުޅިގެން ފަށާފައިވާ ޓޯޗަރ ޕްރިވެންޝަން އެމްބެސެޑަރޒް ޕްރޮޖެޓްގެ ދަށުން ނޭޝަނަލް ކެޓް އަދި އޮޕްކެޓް ކޮމެޓީގެ މެމްބަރުން މި 2 މުއާހަދާއަށާއި މުއާހަދާގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަށް އަހުލުވެރިކުރުން ކަމަށް އެޗްއާރުސީއެމް އިން ވިދާޅުވެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ކެޓް އަދި އޮޕްކެޓުގެ ގައުމީ ކޮމިޓީގައި ބައިވެރިވާ 14 މުއައްސަސާއިން ބައިވެރިވެއެވެ.

ނޭޝަނަލް ކެޓް އަދި އޮޕްކެޓް ކޮމިޓީއަކީ، އެ ދެ މުއާހަދާގެ މަސައްކަތް ޤައުމީ ފެންވަރުގައި ކުރުމަށް މިއަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.