ޚަބަރު

މުޞްޙަފް އެންދި މައްސަލާގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް، ރާއްޖެއިންވެސް ބައިވެރިވާނެ


  • ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުޞްޙަފެއް އެންދީ ޢީދު ދުވަހު

  • މި މައްސަލާގައިި އިސްލާމީ އުންމަތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

  • ސްވިޑެންގައި މިފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގާ

ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުޞްޙަފެއް އެންދި މައްސަލައާއި ގުޅިގެން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެޖަމިއްޔާއިން ނިންމައިފި އެވެ.

އާދިއްތަ ދުވަހުގެ މެންދުރު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯ.އައި.ސީގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ދިވެހިރާއްޖެއިން އޯ.އައި.ސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، މުޙައްމަދު ޚަލީލް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި ސްވިޑަންގައި މުޞްޙަފެއް އެންދުމާ ގުޅިގެން އެފަދަ ޢަމަލުތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާމެދު މަޟްވަރާކޮށް، އެފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ދާތީ އޯ.އައި.ސީ އިން ގުޅިފައިވާ ބަޔާނެއް ނެރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ވަނީ ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުޞްޙަފެއް އެންދުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. އެގޮތުން އެކަން ކުށްވެރިކުރައްވާ ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވަނީ، އެފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށާއި އެފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝިޢާރުތަކަށް ގެއްލުންދެނިވި ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭފަދަ ޢަމަލުތަކުގެ ސަބަބުން އެކި ފިކުރާއި ޢަޤީދާތަކުގެ މީހުން އެކުގައި ހަމަޖެހިގެން ދިރިއުޅުމުގެ އުޞޫލުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭކަން ވެސް ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. ދިވެހިރާއްޖެއިން ވަނީ އިސްލާމް ދީނާ ދެކޮޅު މިފަދަ ޢަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.