ޚަބަރު

ޙައްޖުގެ އަޅުކަމަށްދިޔަ 4 ލައްކައަށްވުރެ ގިނަ ޙާޖީންނަށް ބޭސްފަރުވާ ހިލޭ


  • 4 ލައްކައަށްވުރެ ގިނަ ޙާޖީންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދީފައިވޭ

  • 50 އޯޕަން ހާޓް ސަރޖަރީ

  • 800 އަށްވުރެގިނަ ކާޑިއެކް ކެތިރައިޒޭޝަންސް

  • 1600 އަށްވުރެ ގިނަ މީހުންނަށް ޑައިލިސިސްގެ ޚިދުމަތް

  • 3 ކުއްޖަކު ވިހާފައިވޭ

  • ހޫނުގަދަވެގެން 8000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައިވޭ

ޙައްޖުގެ އަޅުކަމަކީ، ކޮންމެ މުސްލިމެއްގެ ހިތުގައިވެސް ޚާއްސަ ޖާގައެއް ދެވިފައިވާ ޢުމުރުން އެއްފަހަރު ކުޅަދާނަކަން ލިބިގެންވާ މީހުންކުރުމަށް ލާޒިމްކޮށްފައިވާ އަޅުކަމެކެވެ. ކޮންމެ މުސްލިމެއްގެ ޙަޔާތުގައިވެސް މިމަތިވެރި އަޅުކަން އަދާކުރުމަށް އޮންނަ ޝައުގުވެރިކަމާއި ލޯތްބެއްގެ ސަބަބުން ގެދޮރު ވިއްކާލައިގެންވެސް ޙައްޖަށް ދާމީހުން ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި އެބަތިއްބެވެ.

މިއީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މުސްލިމުގެ ހުރި ޝަޢުގެވެ. މިއަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރާ ޙައްޖާޖީން ނުވަތަ މާތްﷲގެ މެހުމާނުންނަށް ކަމޭހިތުމަށް ފެށުނީއްސުރެވެސް ޚައްޞަ ސަމާލުކަމެއް މައްކާގެ ޢިއްޒައްތެރިންދެއެވެ. ޒަމާން ބަދަލުވެ މިއަދު ޙައްޖުވެރިންގެ ކަންކަން ބަލަހައްޓަމުންދަނީ ސަޢުދީ ސަރުކާރުންނެވެ. އެކަމަށް ކަނޑައަޅާފައިވާ ވަކި މިނިސްޓްރީއެއްގެ ދަށުންނެވެ.

ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ސަޢުދީން އަންނަނީ އަހަރުން އަހަރަށް މަތިކޮށް ހަރުދަނާކުރަމުންނެވެ. މަސްޖިދުއް ޙަރަމްއާއި، މަސްޖިދުއް ނަބަވީ ހިމެނޭ ސަރަޙައްދު ބޮޑުކޮށް އެއްފަހަރާ އެތައް ބަޔަކަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ މަގުފަހިކުރަމުން އަންނައިރު، ޙައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ މިނާއާއި ޢަރަފާތު ބިމާއި، މުޛްދަލިފާގައި ހޭދަކުރާ ވަގުތަކީވެސް ޙައްޖުވެރިންނަށް ރައްކާތެރި އަދި އެދަތުރު ވީހާވެސް ލުއިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މީހުން ބައިވެރިވެފައިވާކަމަށް ސަޢުދީގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.


ޙައްޖުވެރިންނަށް އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ، ސިއްޙީ ގޮތުން ޙައްޖު މޫސުމުގައި ކުރިމަތިވާ އެކި މައްސަލަތަކެވެ. މިކަންކަމަށް ޙައްލު ހޯދުމަށް ދުރާލާ ފަރުދީގޮތުން ޓެސްޓުތައްކެއް ހަދައެވެ. އަދި ޙައްޖަށް ދިޔުމަށްފަހުވެސް ޙައްޖާޖީންނަށް ކުރިމަތިވެދާނެ ޙާލަތްތަކަށް ސަޢުދީގެ ސިއްޙީ ނިޒާމު އޮންނަނީ ތައްޔާރުކޮށްފައެވެ.

މިއަހަރުގެ ޙައްޖުގެ ކަންކަމާއި ގުޅޭގޮތުން "ޙަރަމައިން"އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ސަޢުދީ ސަރުކާރުންވަނީ 4 ލައްކައަށްވުރެ ގިނަ ޙާޖީންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި 50 އޯޕަން ހާޓް ސަރޖަރީކޮށްފައިވާއިރު ހިތުގެ ޓެސްޓުތައް ހެދުމަށް 800 އަށްވުރެގިނަ ކާޑިއެކް ކެތިރައިޒޭޝަންސްވަނީ ހަދާފައެވެ.

މީގެ އިތުރުން ކިޑްނީގެ ބަލި ހުންނަ މީހުންގެ ތެރެއިން 1600 އަށްވުރެ ގިނަ މީހުންނަށް ޑައިލިސިސްގެ ޚިދުމަތްވަނީ ފަހިކޮށްދީފައެވެ. އަދި ޙައްޖުގެ މުއްދަތުގައި 3 ކުއްޖަކު ވިހާފައިވާކަމަށް ސަޢުދީގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ކުރިމަތިވި ސިއްޙީއެކި މައްސަލަތަކުގައި 8000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައިވާކަމަށް އެއިދާރާއިން ހާމަކުރެއެވެ. މިނޫނަސް ސިއްޙީ އެކި ކަންކަމުގައި ސަޢުދީ ސަރުކާރުން ވަނީ ސިއްޙި އެހީތެރިކަން ޙާޖީންނަށް ފޯރުކޮށްދީފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ޙައްޖުވެރިންވަނީ މިހާރު މައްކާއިން ފުރަން ފަށާފައެވެ. ދިވެހި ޙައްޖުވެރިންގެ ތެރެއިން ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން މިއަދުވަނީ ޠަވާފުލް ޢިފާޟާކޮށް ސަޢުޔު ކޮށްފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ 2 ދިވެއްސަކުވަނީ ނިޔާވެފައެވެ. ދިވެހި ޙައްޖުވެރިން އަންނަ ހުކުރުން ފެށިގެން ރާއްޖެއަށް އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.