ކުޅިވަރު

ހަނި ގޮތަކަށް ބަންގްލަދޭޝް ބަލިކޮށް ކުވެއިތު ފައިނަލަށް


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކޮށް ފައިނަލަށް ކުވެއިތު ދަތުރުކޮށްފިއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗު ކުވެއިތުން ކާމިޔާބުކުރީ އިތުރު ވަގުތު ކުޅެ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ބަންގްލަދޭޝްގެ ޝެއިޚް މުރްސަލިންއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބެކާރުވެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި ކުވެއިތުގެ އޭރިއާ ތެރޭން މުޅިން ހުހަށްހުރެ މުރްސަލިން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ކުވެއިތުގެ ގޯލްކީޕަރު އަބްދުލް ރަހްމާން މަރްޒޫގެވެ.

އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައިވެސް މުރްސަލިން ވަނީ ރަނގަޅު ހަމަލާއެއް އޭރިއާ ބޭރުން ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާވެސް ކުވެއިތުގެ ކީޕަރު މަރްޒޫގް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ 29 ވަނަ މިނެޓުގައި ކުވެއިތުން ވަނީ ނުރައްކާތެރި ހަމަލާއެއް ބަންގްލަދޭޝްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. އެކަމަކު ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަޙްމާން ވަނީ މި ހަމަލާ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ބަންގްލަދޭޝްގެ ރާކިބް ހުސެއިނަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި މެޗުގެ 40 ވަނަ މިނެޓުގައި ކުވައިތުގެ އީދް އަލް ރާޝިދީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަޙްމާން ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ކުވެއިތުން ކުރިއަށް ޖެހި ބަންގްލަދޭޝްގެ ހާފަށް ބާރުބޮޑުކުރަން މަސައްކަތްކުރިއެވެ. އެކަމަކު މެޗުގެ 54 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ރާކިބަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އޭރިއާ ބޭރުން އޭނަ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިކައިރިން ބޭރަށެވެ.

އޭގެ ފަހުން މެޗުގެ 60 ވަނަ މިނެޓުގައިވެސް ރާކިބަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގެ 63 ވަނަ މިނެޓުގައި ކުވައިތުގެ އަލް ރަޝީދީ ފޮނުވާލި ބާރު ހަމަލާ ބަންގްލަދޭޝްގެ ކީޕަރު ރަޙްމާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ކުވެއިތުގެ މުޙައްމަދު އަބްދުﷲ އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ނުރައްކާތެރި ހަމަލާ ބަންގްލަދޭޝްގެ ކީޕަރު ރަޙްމާން ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކުވެއިތުގެ މުޙައްމަދު އަބްދުﷲ ބަންގްލަދޭޝް ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިކައިރިން ބޭރަށެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކުވެއިތުގެ ޝަބައިބް އަލް ޚާލިދީ މުޅިން ހުހަށްހުރެ ފޮނުވާލި ހަމަލާ ބަންގްލަދޭޝްގެ ކީޕަރު ރަޙްމާން ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 99 ވަނަ މިނެޓުގައި އަލް ރާޝިދީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީވެސް ބަންގްލަދޭޝްގެ ކީޕަރު ރަޙްމާނެވެ.

މި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުވެއިތުގެ އަބްދުﷲ އައްބާސް އަލްބަލޯޝީ ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ މުޙައްމަދު އަބްދުﷲގެ އެހީތެރިކަމާއެކު އަަބްދުﷲ ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 117 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ރާކިބް ފޮނުވާލި ނުރައްކާތެރި ހަމަލާ ކުވައިތުގެ ކީޕަރު ރަޙްމާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މުބާރާތުގެ ފައިނަލުގައި ކުވެއިތުން ވާދަކުރަން ޖެހޭނީ މިރޭ އިންޑިއާ އާއި ލުބުނާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.