ޚަބަރު

އިތުރު ޙައްޖުވެރިއަކު ނިޔާވެއްޖެ


  • ނިޔާވެފައިވަނީ .މާއެނބޫދޫ، ފިޔާތޮށިގޭ، ޢަލީ ޙަސަން

  • އޭނާ ނިޔާވީ ޖާމަން ހޮސްޕިޓަކުގައި ފަރުވާދެމުން ދަނިކޮށް

  • އަލް ޙަރަމައިން ޙައްޖު ގްރޫޕްގެ ޙަވާލުގައި ރާއްޖެއިން ޙައްޖަށްދިޔަ މީހަކުވެސް ނިޔާވެފައި އޮއްވާ ފެނިފައިވޭ

ރާއްޖެއިން ޙައްޖަށްދިޔަ އިތުރު ޙައްޖުވެރިއަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ދ.މާއެނބޫދޫ، ފިޔާތޮށިގޭ، ޢުމުރުން 72 އަހަރުގެ ޢަލީ ޙަސަން ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވީ ސަޢުދީގެ ޖާމަން ހޮސްޕިޓަކުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެގަޑިން ރޭ އިރުއޮއްސި 18:17 ހާއިރުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ޢަލީ ޙަސަން އަކީ، ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ ތެރެއިން ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންއައި ދެމީހުންގެ ތެރެއިން އެކަކެވެ.

އަލް ޙަރަމައިން ޙައްޖު ގްރޫޕްގެ ޙަވާލުގައި ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިއަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ރ. މާކުރަތު މަލަ، އުމުރުން 72 އަހަރުގެ މުޙައްމަދު ނަސީމް ޢަލީއެވެ. މުޙައްމަދު ނަސީމް ޢަލީ ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ބުރާސްފަތި ދުވަހުގެރޭ ދަންވަރު 1:55 ހާއިރުކަމަށެވެ. އަދި އޭނާ ފެނިގެން ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ތެރެއިން ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި އެކަނިވެސް 881 މީހުން ޙައްޖުގެ އަޅުކަމަށް ގޮސްފައިވެއެވެ. ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމަށްޓަކާ 70 މީހުންގެ ޓީމެއް އެހީތެރިންގެ ގޮތުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި ޞިއްޙީ ފަރުވާގެ ކަންކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރަކާއި، 4 ނަރުހުންނާއި، ކައްކާއިންނާއި، ދީނީ ޢިލްމުވެރިންނާއި، އެހީތެރިން ހިމެނެއެވެ.