ދެކުނު ކޮރެޔާގައި އެ ޤައުމުގެ ރައްޔިތުންގެ އުމުރު ގުނުމުގައި ގެންގުޅުނު ޒަމާންވީ އާދަކާދަތައް ބަދަލުކުރުމާއެކު، އެ ޤައުމުގެ ބައެއް ރައްޔިތުންގެ އުމުރު ހަގުވެއްޖެއެވެ.
މިދިޔަ ބުދަދުވަހުން ފެށިގެން ކޮރެޔާގައި ވަނީ އުމުރު ބެލުމުގައި ގެންގުޅުނު ކުރީގެ އުސޫލުތައް ބަދަލުކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް އެ ޤައުމުގެ ރައްޔިތުންގެ އުމުރު ގުނަން ފަށާފައެވެ.
ސަޤާފަތާއި އާދަކާދަތައް ދެމެހެއްޓުމުގައި ލާމަސީލު ޤައުމުތަކެއް ހިމެނޭ އިރުމަތީ އޭޝިޔާގެ ޤައުމެއްކަމަށްވާ ދެކުނު ކޮރެޔާގައި އެތައް ސަތޭކަ އަހަރެއް ވަންދެން އޮތް އާދަކާދަތަކުގެ ތެރޭގައި އަންހެނަކު ބަނޑުބޮޑުވާ ހިސާބުން ބަނޑުގައި އޮތް ކުއްޖާގެ އުމުރު ގުނުމާއި އަދި ކުއްޖާ އުފަންވާއިރު، އެ ކުއްޖާއަށް އެއް އަހަރުވެފައިވާކަމަށް ޤަބޫލުކުރުން ހިމެނެއެވެ. މިއީ "ކޮރެއަން އޭޖް" ނަމަކަށް ކިޔާ ނިޒާމެކެެވެ.
"ކޮރެއަން އޭޖް"ގެ އިތުުރުން "ކައުންޓިންގ އޭޖް" ނަމަކަށް ކިޔާ އެތައް ޤަރުނެއްވީ އާދަކާދައެއްވެސް އެ ޤައުމުގައި އޮވެއެވެ. ބައިނަލްއަޤްވާމީ މިންގަނޑުން ބަލާއިރު ކޮންމެ މީހެއްގެވެސް އުމުރަށް އަހަރެއް އިތުރުވާކަމަށް ބަލަނީ ކޮންމެ އަހަރަކުވެސް އަންނަ އެމީހެއްގެ އުފަންދުވަހުއެވެ. ނަމަވެސް ކޮރެޔާގައި އަމަލުކުރާ "ކައުންޓިންގ އޭޖް" ނިޒާމުގައި ކޮންމެ އަހަރެއްގެ ފުރަތަމަ ދުވަހު އެމީހަކަށް އަހަރެއް ފުރޭކަމަށް ބަލައެވެ.
އުފަންވާއިރު އަހަރެއްވުމާއި، އަހަރުގެ ފުރަތަމަ ދުވަހު އަހަރެއް ފުރޭކަމަށް ބަލާތީ، ކޮރެޔާގައި ޑިސެމްބަރުމަހެއްގެ 31 ވަނަ ދުވަހު އުފަންވާ ކުއްޖަކަށް ޖެހިގެން އަންނަ ދުވަހު 2 އަހަރު ފުރޭނެއެވެ. އެއީ އުފަންވާއިރު އެ ކުއްޖާއަށް އަހަރެއް ފުރިފައިވާކަމަށް ބަލާތީއާއި، ޖެހިގެން އައި ދުވަހަކީ އަހަރުގެ ފުރަތަމަ ދުވަހަށްވުމުން އަނެއްކާވެސް އެކުއްޖާއަށް އަހަރެއް ފުރޭތީއެވެ.
ކޮރެޔާގައި އުމުރު ގުނުމުގައި ގެންގުޅޭ އާދަކާދަތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އަޅާކިޔާއިރު، 1 ޖުލައި 2003 ވަނަ އަހަރު އުފަންވެފައިވާ ކުއްޖަކަށް، މިއަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހު ފުރޭނީ 19 އަހަރެވެ. އަހަރުގެ ފުރަތަމަ ދުވަހު އަހަރެއްވާކަމަށް ޤަބޫލުކުރާ ކޮރެޔާގެ "ކައުންޓިންގ އޭޖް" އާދަކާދައިގެ ދަށުން އެ ކުއްޖަކަށް ފުރޭނީ 20 އަހަރެވެ. އަދި "ކޮރެއަން އެޖް" ނިޒާމުން ބަލާނަމަ ފުރޭނީ 21 އަހަރެވެ.
ދެކުނު ކޮރެޔާގެ ވެރިކަމާއި މިދިޔަ އަހަރު ހަވާލުވެވަޑައިގެންނެވި ޔޫން ސުކްގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވަނީ އުމުރު ގުނުމުގައި އަމަލުކުރާ ކުރީގެ އާދަކާދަތަކުގެ ބަދަލުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކޮރެޔާގައިވެސް އުމުރު ގުނަން ފަށާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ޔޫން ސުކް ވިދާޅުވީ އުމުރު ބެލުމުގައި ގެންގުޅުނު އުސޫލުތަކުގެ ސަބަބުން އިޖްތިމާއީގޮތުންނާއި އިޤްތިޞާދީގޮތުން އުފުލަންނުޖެހޭ ބުރަތަކެއް އުފުލާކަމަށެވެ. އަދި އިންޝުއަރެންސް ހަމަޖެއްސުމާއި އެކި ޕްރޮގްރާމްތަކަށް މީހުން ޝަރުތު ފުރިހަމަވޭތޯ ބަލާއިރު، އެކި މީހުން އުމުރު ގުނާ ގޮތް ތަފާތުވުމުން ކުރިމަތިވާ މައްސަލަތައް ވަރަށް ބޮޑުކަން ކޮރެޔާގެ ކަމާއިބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ކޮރެޔާ މީހުންގެ އުމުރު ގުނުމުގައި ގެންގުޅޭ އުސޫލު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް ކަމާބެހޭ ޤާނޫނުތަކަށް ގެނައި އިސްލާހުތައް މިދިޔަ ޑިސެމްބަރުމަހު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި މިދިޔަ ބުދަދުވަހުން ފެށިގެން ކޮރެޔާގައި ވަނީ އުމުރު ގުނުމުގައި އައު އުސޫލާއި އެއްގޮތަށް އަމަލުކުރަން ފަށާފައެެވެ.
50 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކޮރެޔާގައި އުމުރު ގުނުމުގައި ބަލާ މިންގަނޑަށް ގެނައި ބަދަލަށް އެ ޤައުމުގެ ކޮންމެ 4 މީހެއްގެ ތެރެއިން 3 މީހުން ތާއީދުކުރެއެވެ. ބައެއް މީހުން ބުނާގޮތުން ކޮރެޔާގައި އުމުރު ގުނާގޮތުން އެމީހުންނާއި ދޭތެރޭ ކަންތައް ކުރަނީ އަސްލު އުމަރަށްވުރެ ދޮށިކަމަށް ބަލައިގެންނެވެ. އަދި އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ކޮރެޔާގައި އުމުރު ބަލާގޮތުން އަރާ އޮޅުންތައް މީގެފަހުން ކިޔައިދޭން ނުޖެހުމަކީވެސް ބައެއް މީހުންނަށް ލިބުނު ފަސޭހައެއްގެ ގޮތުގައި ދެކެއެވެ.
އުމުރު ގުނުމުގެ ގެންގުޅުނު ޒަމާންވީ އާދަކާދަތަކަށް ދޫކޮށްލައި، އައު އުސޫލަށް ކޮރެޔާގައި އަމަލުކުރަން ފެށިނަމަވެސް އަހަރުގެ ފުރަތަމަ ދުވަހު އިތުރު އަހަރެއް ފުރޭކަމަށް ބަލާ އާދަކާދައިގެ ބައެއް ކަންކަަމަށް އަދިވެސް އަމަލުކުރާނެއެވެ. މިގޮތުން ސިނގިރެޓް ގަތުންފަދަ ބައެއް ކަންކަން ކޮރެޔާގައިި 19 އަހަރުވުުމުން ނޫނީ ނުކުރެވޭއިރު، އަހަރުގެ ފުރަތަމަ ދުވަހު އިތުރު އަހަރެއް ފުރޭކަމަށް ބަލާ އާދަކާދައިގެ ދަށުން މިއަހަރު ފަހުކޮޅު 19 އަހަރު ފުރޭ ކުއްޖަކަށް މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ސިނގިރޭޓް ގަނެވޭނެއެވެ.
ކޮރެޔާގެ އިތުރުން އިރުމަތީ އޭޝިޔާގެ އެހެން ބައެއް ޤައުމުތަކުގައިވެސް އުމުރު ގުނުމުގައި އާއްމު އާދަކާދައާ ތަފާތު އުސޫލުތަކެއް ވަނީ ގެންގުޅެފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ ޤައުމުތަކުން ވަނީ އެ އާދަކާދަތައް ދޫކޮށްލާފައެވެ. އެގޮތުން ޖަޕާނުން ވަނީ 1950 ވަނަ އަހަރު ބައިނަލްއަޤްވާމީ މިންގަނޑާއި އެއްގޮތަށް އެ ޤައުމުގެ ރައްޔިތުންގެ އުމުރު ގުނަން ފަށާފައެވެ. އަދި އުތުރު ކޮރެޔާއިން ވަނީ ނަވަރާސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި އުމުރު ގުނުމުގައި ގެންގުޅުނު ކުރީގެ އާދަކާދަތައް ދޫކޮށްލާފައެވެ. ނަމަވެސް އަދިވެސް ބައެއް ޤައުމުތަކުގައި ނުރަސްމީކޮށް ނަމަވެސް މި އާދަކާދާތައް ދަނީ ދަމަހައްޓަމުންނެވެ. އޭގެތެރޭގައި ޗައިނާއާއި، ޗައިނާގެ ބައެއްކަމަށްވާ ޓައިވާނާއި، ސިންގަޕޫރު އަދި ވިއެޓްނާމް ހިމެނެއެވެ.