ޚަބަރު

ވޯޓާސް ލިސްޓް ސައްޙަވާނެ، އޮންނާނީ ކެނޑިޑޭޓުން ސޮއިކުރާ ފައިނަލް ލިސްޓު: އީސީ


  • ވޯޓާސް ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއްނޫން

  • ލިސްޓާމައިމެދު ހިތްހަމަނުޖެހޭ ނަމަ، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ

  • ވޯޓުލާ ދުވަހު އޮންނާނީ ކެންޑިޑޭޓުން ސޮއިކޮށް ފައިނަލަށް ކުރެވޭ ލިސްޓު، އިތުރު ލިސްޓެއް ނޯންނާނެ

  • ލިސްޓަށް ހުށަހެޅުނު 551 ޝަކުވާއަށް ވަނީ ޖަވާބުދީފި

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި އޮންނާނީ ކެންޑިޑޭޓުން ސޮއިކޮށް ފައިނަލްކުރެވޭ ލިސްޓު ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވޯޓާސް ލިސްޓާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢީލް ޙަބީބް ވަނީ ވޯޓަސް ލިސްޓު ފައިނަލް ކުރެވޭގޮތް ތަފްސީލްކޮށްދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓާރސް ލިސްޓަށް ހުށަހެޅުނު ހުރިހާ ޝަކުވާއަކަށް ޖަވާބުދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ޝަކުވާގެ މުއްދަތުގައި ވޯޓަރސް ލިސްޓަށް ޖުމްލަ 551 ޝަކުވާއެއް ހުށަހަޅާފައިވެއެވެ. ކޮމިޝަނުން ޢާންމުކުރި ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބެލުމަށްފަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާ ލިސްޓު މިހަފްތާގައި ޢާންމު ކުރައްވާނެއެވެ.

ވޯޓާސް ލިސްޓަށް މަކަރު ހެދުމުގެ އެއްވެސް ޖާގައެއް ނެތް:

ވޯޓަސްލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ޝަކުވާތަކަށް އިލެޝަންސް ކޮމިޝަން ޖަވާބުދެއްވާފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ވޯޓާސް ލިސްޓު ސައްހަވާނެކަމާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން ވޯޓާސް ލިސްޓު އޮޅުވާލާނެކަމަށް ސޯޗަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ވޯޓުލާމީހުންގެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއްނޫން ކަމަށެވެ. ޙަބީބު ވިދާޅުވީ، އިންތިޚާބާއިބެހޭ ޢާންމު ޤާނޫނާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ވަރަށް ސާފުކޮށް ލިސްޓު ގެޒެޓުކޮށް ޕާޓީތަކަށް ލިސްޓު ފޮނުވައި، ހުރިހާ ރަށެއްގައި ލިސްޓު ޢާންމުކޮށް ޝަކުވާއަށް ހުޅުވާލައި، ޝަކުވާއާއި ގުޅިގެން އަންނަ ބަދަލުވެސް އިލެކްޝަންސް ކޮމިޝަނުން ގެޒެޓް ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ހަމަ މިއާއިއެކު އެކޮމިޝަންގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތުވެސް ފަހިވެފައި ވާކަމަށް ޙަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންތިޚާބުގައި ވޯޓުލާ ދުވަހު ބޭނުންކުރާނީ ގެޒެޓުކޮށް އަދި ކެންޑިޑޭޓުން ސޮއިކޮށް ފައިނަލް ކޮށްފައިވާ ލިސްޓުކަމަށާއި، އެނޫން ލިސްޓެއް ނޯންނާނެކަމަށެވެ.

ލިސްޓަށް ހުށަހެޅުނު 551 ޝަކުވާއަށް ޖަވާބުދީފި:

ހަބީބުވިދާޅުވީ، ޝަކުވާގެ މުއްދަތުގައި އެކޮމިޝަނަށް ހުށަހެޅުނު ހުރިހާ ޝަކުވާއަކަށް މިހާރު ޖަވާބުދީ ނިމިފައިވާކަމަށެވެ. އަދި ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާ މީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާތެރޭގައި ގެޒެޓް ކުރެވޭނެކަމަށާއި، ވޯޓުލާ މީހުންގެ އެންމެ ފަހުގެ ލިސްޓުވެސް ޢާންމު ކުރާނެކަމަށް ޙަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ތިބި މީހުންނަށް އެކަންޏެވެ. އިންތިޚާބެއްގެ އެންމެ މުހިންމު އެއް އަސާސް ބިނާވެގެންވަނީ ވޯޓުލާމީހުންގެ ލިސްޓަށް ކަމަށްވާތީ، މި ލިސްޓުގެ ސައްޙަކަން ކަށަވަރު ކުރުމަކީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި، ކައުންސިލްތަކުން އަދި ފަރުދީގޮތުންވެސް ކުރުން މުހިންމު ކަމެކެވެ. ޙަބީބް ވަނީ ވޯޓުލާ މީހުންގެ ސައްޙަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކައުންސިލްތަކުންނާއި، އިލެކްޝަންސް ފޯކަލް ޕޮއިންޓުން އަދި ފަރުދީގޮތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ ފަރާތްތަކަށް ރީ-ރަޖިސްޓްރޭޝަން މިމަހުގެ 16 ވަނަ ދުވަހު ހުޅުވާލާނައެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.