ޚަބަރު

ޤައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވާފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރައްވައިފި


  • އަޟްޙާ ޢީދު ފާހަގަކުރުމުގެ ނަމުގައި ހިންގި ހަރަކާތެއްގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކޮށްފައިވޭ

  • އިދިކޮޅު ޕާޓީން ހިންގި އަމަލު ސަރުކާރުން ކުށްވެރިކުރައްވާ

  • ޒިންމާދާރުކަމާއެކު ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރުމަށް ސަރުކާރުން އިލްތިމާސްކުރައްވާ

އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖްތަމަޢުއާއެކު ރާއްޖެއިން ބާއްވާ ގުޅުމަށް ހީނަރުކަން އަންނަފަދަ އަމަލުތަކުން ދުރުހެލިވުމަަށް ދިވެހި ސަރުކާރުން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ސަރުކާރުން މިކަމަށް އިލްތިމާސްކުރެއްވީ އަޟްޙާ ޢީދު ފާހަގަކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން ހިންގި ހަރަކާތަކީ އަވަށްޓެރި އިންޑިއާއާއި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާމެދު ނަފްރަތު އުފެއްދުމަށް ހިންގި ހަރަކާތެއްކަމަށް ވިދާޅުވެ، އެކަން ކުއްވެރިކުރައްވާ ނެރުއްވި ބަޔާނުގައެވެ.

ސަރުކާރުގެ ބަޔާނުގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންޑިއާގެ ބޮޑުވަޒީރުގެ ފޮޓޯ ބޭނުންކޮށްގެން ހިންގި އަމަލީ އިހްތިރާމް ކުޑަކުރުމުގެ އަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށާއި "އިންޑިއާ އައުޓް" ނަމުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފެތުރުމަށް ހިންގާ އަމަލުތައްވެސް ކުއްވެރިކުރައްވާކަމަށެވެ.

ސަރުކާރުން ވިދާޅުވީ ޢީދު ފަދަ މާތް މުނާސާބާއެއް ފާހަގަކުރުމުގެ ނަމުގައި، އިންޑިއާއާއި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ހިންގި ދަށުދަރަޖައިގެ އަމަލަކީ ހަމައެކަނި ނަފްރަތު އުފައްދަން ހިންގި އަމަލެއް ނޫންކަމަށެވެ. އަދި އެފަދަ ދެކޮޅުވެރިކަން ދެއްކުމުގެ އަމަލުތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫއެރުވުމުގެ މަޤްޞަދުގައި ހިންގާ އަމަލުތަކެއްކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުން ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް، އަދި އެންމެ އިތުބާރުކުރެވޭ އަވަށްޓެރި ޤައުމުކަމަށާއި، ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން އަބަދުވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި މިިދިޔަ 5 އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އައު އުސްމިންތަކަކަށް ގޮސްފައިވާކަމަށްވެސް މި ބަޔާނުގައި ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ ރާއްޖެއާއި އެހެން ޤައުމުތަކާއެކު އޮންނަ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ދަށުދަރަޖައިގެ އަމަލުތަކުން ދުރުހެލިވެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.