ޚަބަރު

މެކްސިކޯގައި ހޫނުގަދަވެ 100 މީހުން މަރުވެއްޖެ


މެކްސިކޯގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލުމުގެ ސަބަބުން 100 ވަރަކަށް މީހުން މަރުވެއްޖެއެވެ. މެކްސިކޯގެ އެކި ސަރަޙައްދުތަކުގައި ފިނިހޫނުމިން 50 ޑިގްރީ ސެލްސިއެސްއާ ހަމައަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. އަދި، ފިނިހޫނުމިން އުފުލިފައިވާތާ މިހާރު ތިން ހަފުތާވެފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ފިނިހޫނުމިން ދަށަށްދާނެ ކަމަށް ނުބެލެވޭ ކަމުގައި އެ އިދާރާއިން ބުނެއެވެ.

މެކްސިކޯގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ 100 އެއްހާ މީހުން މަރުވެފައި ވަނީ ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަމުގައެވެ. އަދި، ގިނަ މީހުން މަރުވެފައި ވަނީ ހީޓް ސްޓްރޯކް ނުވަތަ ހޫނު ގަދަވުމުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ސަބަބުން ކަމުގައެވެ. އަދި، ޑީހައިޑްރޭޝަން ނުވަތަ ހަށިގަނޑުން ފެން މަދުވުމާ ގުޅިގެން ވެސް ބައެއް މީހުން މަރުވި ކަމުގައި އެ ވުޒާރާއިން ބުނެއެވެ.

އާދަޔާ ޚިލާފަށް ފިނިހޫނުމިން މަތިވުމާ ގުޅިގެން ކަރަންޓާއި ހަކަތަ ބޭނުންކުރާ މިންވަރު ވެސް އާދަޔާ ޚިލާފަށް އުފުލިފައިވާ ކަމުގައި މެކްސިކޯގެ އޮފިޝަލުން ވިދާޅުވެއެވެ. ހޫނު ގަދަވުމާ ގުޅިގެން ބައެއް ސަރަޙައްދުތަކުގައި ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މަރުވި 100 އެއްހާ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން މަރުވެފައި ވަނީ ޖޫން 18އާއި 24އާ ދެމެދު ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

މަރުވި މީހުންގެ ތެރެއިން 64 އިންސައްތަ މީހުންނަކީ އެމެރިކާގެ ޓެކްސަސްގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ނުއެވޮ ލެއޯންގެ ރައްޔިތުންނެވެ. އިތުރު މީހުން މަރުވީ ގަލްފްގެ އައްސޭރިފަށުގައި އޮންނަ ތަމައުލީޕާސާއި ވެރާކްރޫޒުންނެވެ. ހުސްވި އަހަރުގެ ހޫނު މޫސުމުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން މެކްސިކޯގައި މަރުވެފައި ވަނީ އެންމެ މީހެއް ކަމުގައި ރެކޯޑުތަކުން ދައްކައެވެ.