ޚަބަރު

ޖެންޑަރ އީކުއަލިޓީ ބިލް ވީ އެންމެ އަވަހަކަށް ފާސްކުރުމަށް އެދުން


އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ހުށަހަޅުއްވާފައިވާ ޖެންޑަރ އީކުއަލިޓީ ބިލް، ވީ އެންމެ އަވަހަކަށް ފާސްކޮށްދެއްވުމަށް ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ގޮވާލައްވައިފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓްރީ ހެންގެވުމާއި ހަވާލުވެހުންނެވި ދައުލަތުގެ ބަންޑާރަ ނައިބް އަލްއުސްތާޒް މުހައްމަދު އަނިލް ވިދާޅުވީ ފިރިހެނުންނާއި އެއްހަމަ ފުރުޞަތުތަކެއް އަންހެނުންނަށް ލިބުމުގައި އަދިވެސް ގިނަ ހުރަސްތަކެއް އެބަހުރިކަމަށާއި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަކީ މިކަން ޙައްލުކުރުމުގެ މަޤްޞަދުގައި ހުށަހަޅުއްވާފައިވާ މުހިންމު ބިލެއް ކަމުގައެވެ. އެހެންކަމުން މިބިލް ވީ އެންމެ އަވަހަށް ރަތްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެބްބަރުންގެ ކިބައިން އަނިލް އެދިވަޑައިގެންނެވިއެވެ. މި ބިލް ފާސްކުރުމާއެކު މި ބިލަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ސިލްސިލާ ޕްރޮގްރާމްތަކެއް ޖެންޑަރ މިނިސްޓްރީން ފެއްޓެވުމަށް ނިންމަވާފައިވާކަމަށް އަނިލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އިޤްތިސާދީ ގޮތުން ޤައުމަށް ލިބެމުންދާ ކާމިޔާބީގައި އަންހެނުންގެ ބައިވެރިވުން މިހާރު އިތުރުވަމުންދާ ކަމަށެވެ. އަދި ސަރުކާރުން އަންހެނުން ބާރުވެރި ކުރުވައި އަންހެނުންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްޕުޅުގެ މައްޗައް އެކަމަނާ އަލި އަޅުއްވާލެއްވިއެވެ.

މި ޖަލްސާގައި ވަނީ އަންހެނުންގެ ދުވަހާއި ގުޅިގެން ސަރުކާރުން ދެއްވާ ރެހެންދި އެވޯޑް ވެސް ދެއްވާފައެވެ. މި އެވޯޑް 9 އަންހެން ކަނބަލަކު ހާޞިލް ކޮށްފައިވެއެވެ. މި އެވޯޑަކީ ރާއްޖޭގެ ޤައުމީ ތަރައްޤީއާއި ލާބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި މަސައްކަތްތައް ކޮށްދީފައިވާ ‏‏އަންހެނުންގެ އަގު ވަޒަންކުރުމަށާއި އަދި މުޖުތަމާއަށް ފައިދާހުރި މަސައްކަތް ކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތްދިނުމާއި، އެފަރާތްތައް ނަމޫނާއެއް ގޮތަށް ނަގައި އެހެން އަންހެނުން ކުރިއަރައި ދިއުމަށް ހިތްވަރު ލިބޭ އަންހެނުންގެ މަސައްކަތް ފާހަގަކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވާ އެވޯޑެކެވެ. މި ޖަލްސާގައި ޖެންޑަރގެ ޤައުމީ ސިޔާސަތު އިފްތިތާހް ކޮށްދެއްވާފައިވެއެވެ.