މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި 2 އޮޕަރޭޝަނެއްގައި 5 މީހުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން، ގދ. ނަޑެއްލާގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ޖޫން 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބައްދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އޭގެ އިތުރުން، މާލެ، ގަލޮޅު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޖޫން 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ގަލޮޅު ގެއެއްގެ ދެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓާއި 13 ސެލޯފިންކޮޅުގެ އިތުރުން ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި 4 ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއްގެ އިތުރުން 32 އަަހަރުގެ މީހަކާ އަދި 39 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 32 އަހަރުގެ މީހާ ކޯޓުން ދޫކޮށްލައި އަނެއް 3 މީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.