ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޙައްޖުވެރިޔާ ނިޔާވެއްޖެ


  • ނިޔާވެފައިވަނީ އުމުރުން 72 އަހަރުގެ މުޙައްމަދު ނަސީމް ޢަލީ

  • ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާއި ދިމާލުން ރޭގެ ދަންވަރު 1.55 ހާއިރު

  • އޭނާ ޙައްޖަށް ދިޔައީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި

  • ނަސީމް ގެއްލިގެން ހޯދަން ފެށީ މިމަހުގެ 26 ވަނަ ދުވަހު

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ދިޔަ ޙައްޖުވެރިންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ ޙައްޖުވެރިޔާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ރާއްޖެއިން ޙައްޖަދިޔަ ދިވެހިންގެ ތެރެއިން ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ރ. މާކުރަތު މަލަ، އުމުރުން 72 އަހަރުގެ މުޙައްމަދު ނަސީމް ޢަލީއެވެ. އޭނާ ޙައްޖަށް ދިޔައީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މުޙައްމަދު ނަސީމް ޢަލީ ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ރޭގެ ދަންވަރު 1:55 ހާއިރުކަމަށެވެ. އަދި އޭނާ ފެނިގެން ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާކަމަށެވެ.

ނަސީމް ގެއްލިގެން ހޯދަން ފެށީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ޙައްޖުވެރިޔާ އެރޭ 11 ޖަހާ އެހާކަންހާއިރު މިނާ ޓެންޓުން ބޭރަށް ނުކުތްގޮތަށް އޭނާގެ ޚަބަރެއް ނުވެއެވެ. އެހެންކަމުން ރާއްޖޭގެ ޙައްޖު މިޝަނުން ދިޔައީ ސަޢުދީގެކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށް ޙައްޖުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޙައްޖުވެރިޔާ ގެއްލުނުކަމުގެ މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން ދިވެހި ޙައްޖު މިޝަނުން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިނާ، މުޒްދަލިފާ އަދި ޢަރަފާތުގެ އެކި ސަރަހައްދުތަކާއި ހޮސްޕިޓަލްތަކާއި ޕޮލިސް ސްޓޭޝަންތައް ބަލާފައިވެއެވެ.