ޚަބަރު

ރާއްޖޭގައި ޓެރަރިޒަމްގެ ބިރުބޮޑުކަމަށް ބުނެ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެއް ނުވޭ


  • ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެންގިކަމަށް ބުނެ ފަތުރާފައިވަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއް

  • އިނގިރޭސި ސަރުކާރުން ވިދާޅުވީ އެފަދަ އެންގުމެއް ނާންގާކަމަށް

  • އިޤްތިޞާދާއި އަމާންކަމަށް ބުރޫއަރާފަދަ ހަބަރުތައް ފަތުރާތީ ސަރުކާރުން ކަންބޮޑުވުން ފާޅުކުރި

ރާއްޖޭގެ އިޤްތިޞާދާއި އަމާންކަމަށް ބުރޫއަރާފަދަ ހަޤީޤަތާއި ޚިލާފު ވާހަކަތައް ބައެއް ފަރާތްތަކުން ފަތުރަމުންދާކަމަށް ވިދާޅުވެ ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުން މިކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުކަމަށާއި، އަދި ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އަންގާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފެތުރުމާއި ގުޅިގެނެވެ.

ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިނގިރޭސި ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް އެންގިކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރުތައް ފެތުރިނަމަވެސް، އެއީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރުގެ ރަސްމީ އިދާރާތަކުން ވިދާޅުވެއެވެ.

ރާއްޖޭގެ އިޤްތިޞާދު އެ ސިނާއަތަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު އެއް މާކެޓްކަމަށްވާ އިނގިރޭސިވިލާތުން ރާއްޖެއަށް ދަތުރުކުރާ މީހުން ސަމާލުވާން އެ ޤައުމުން އެންގިކަމަށް ބުނެ ފަތުރަމުންދާ ހަޤީގަތާއި ހިލާފު ހަބަރުތަކާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ބޮޑު ޒިންމާއަކާއެކު ލިބޭ މިިނިވަންކަމެއްކަމަށެވެ. އަދި އެއްވެސް ވަރަކަށް ތެދުދޮގު ނުބަލާ، ރާއްޖޭގެ އިގުތިޞާދާއި އަމަން އަމާންކަމަށް ބުރޫއަރާފަދަ ހަބަރުތައް ފަތުރާ މީޑިއާތަކަކަކީ މީޑިއާގެ އުސޫލުތަކުގެ ތެރެއިން ހިނގާ ތަންތަންތޯ ސުވާލު އުފެދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މަސްދަރުން ޚަބަރު ކަށަވަރުނުކޮށް، ތެދުދޮގު ނުބަލާ، ރާއްޖޭގެ އިގުތިސޯދާއި އަމަން އަމާންކަމަށް ބުރޫއަރާފަދަ ޚަބަރުތައް ޔޯލައަކުން ހޯދައިގެން، އެފަދަ ޚަބަރު ފަތުރާ ނޫސްތަކުގައި އެޑިޓަރުން ތިބޭބާ؟" މިނިސްޓަރ ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ނުރައްކަލުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިނގިރޭސި ސަރުކާރުން އެންގިކަމަށް ބުނާ ވާހަކަތައް އިނގިރޭސި ސަރުކާރުންވެސް ވަނީ ދޮގުކޮށްފައެވެ.

ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ ވިދާޅުވީ ޓެރަރިޒަމާއި ގުޅޭގޮތުން އެޤައުމުން ނެރުނު ޓެރަވަލް އެޑްވައިޒަރީއަކީ ބައިނަލްއަޤްވާމީ ގޮތުން ނެރުނު އެޑްވައިޒަރީއެއްކަމަށެވެ. އަދި ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެގެން، ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި، އެޑްވައިޒަރީޢެއް ނެރެފައިނުވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އިނގިރޭސި ސަފީރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ޓްރެވަލް އެޑްވައިޒަރީއާ ގުޅޭ ހަބަރުތައް ރާއްްޖޭގެ ބައެއް މީޑިއާތަކުން ގެނެސްދީފައިވަނީ ހަޤީޤަތާއި ޚިލާފު މައުލޫމާތުތާއެކުކަމަށެވެ.

ޓްރެވަލް އެޑްވައިޒަރީތަކަކީ ސަރުކާރުތަކުން އެ ޤައުމުތަކުގެ ރައްޔިތުން އެކި ޤައުމުތަކަށް ދަތުރުކުރާއިރު ރައްކާތެރިވުމުގެ ގޮތުން ސަމާލުވާން އަންގާ އެންގުންތަކެކެވެ. ބައެއް ސަރަހައްދުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި މުޒާހަރާތަކާއި ހަނގުރާމަތަކާއި ގުޅިގެންވެސް ޓްރެވަލް އެޑްވައިޒަރީތައް ނެރެއެވެ. އަދި ބައެއް ޤައުމުތަކުން ޓްރެވަލް އެޑްވައިޒަރީ ނެރޭއިރު، ނުރައްކާ އޮންނަ ޤައުމުގެ އިތުރުން، އެ ޤައުމެއް ހިމެނޭ ސަރަހައްދުގައި އޮންނަ އެެހެން ޤައުމަކަށްވެސް ޓްރެވަލް އެޑްވައިޒަރީ ނެރެއެވެ.