ޚަބަރު

ދިރާސީ އައު އަހަރު މާލެ ސަރަހައްދުގެ އައު 3 ސްކޫލެއްގައި ކިޔަވައިދޭނެ


  • ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތް ވަނީ ނިމުމަކާ ގާތްވެފައި

  • ދަރުމަވަންތަ ސްކޫލް އެއް ދަންފަޅިއަށް ބަދަލުވާނެ

  • ޞަލާހުއްދީން ސްކޫލާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅޭ ކުދިންނަށް ފަސޭހަވާނެ

ދިރާސީ އައު އަހަރު މާލެ ސަރަހައްދުގެ އައު 3 ސްކޫލެއްގައި ކިޔަވައިދޭން ފަށްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، ދިރާސީ އައު އަހަރު ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތުގައި ކިޔަވައިދޭން ފަށްޓަވާނެކަމަށެވެ. އަދި ހުލުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ ޞަލާޙުއްދީން ސްކޫލާއި، ހުޅުމާލޭގައި ތަރައްޤީކުރާ ސީއެޗްއެސްއީގެ އައު ޢިމާރާތުގައިވެސް ކިޔަވައިދޭން ފަށްޓަވާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީވެސް އެއްދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކުރުމެވެ. މިގޮތުން ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަށް އައު ޢިމާރާތައި ވަސީލްތަތައް ހަމަކުރެވޭ މިންވަރަކުން އެއްދަންފަޅިއަށް ގެންދަނީ ބަދަލުކުރަމުންނެވެ. ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ، ދިރާސީ އައު އަހަރާއެކު ބައެއް ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުވެގެންދާނެކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ ވަސީލަތްތައް ހަމަކުރެވުނު މިންވަރުން އެއްދަންފަޅިއަށް ނިމުނު ދިރާސީ އަހަރުގެ ތެރޭގައިވެސް ބަދަލުވެފައިވާނެކަމަށް އިހްސާން ވިދާޅުވިއެވެ. މާލެ ސަރަހައްދަށް ބަލާއިރު އެއްދަންފަޅިއަށް މިވަގުތު ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ ޢިއްޒުއްދީން ސްކޫލެވެ. ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، ދިރާސީ އައު އަހަރު ދަރުމަވަންތަ ސްކޫލްގެ ކިޔެވުންވެސް އެއްދަންފަޅިއަށް ބަދަލުވާނެކަމަށެވެ.

"މާލެ ސަރަހައްދުގައި މީގެ ކުރިން އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް މިހުރީ ހަމައެކަނި އިއްޒުއްދީން ސްކޫލް. ނަމަވެސް އިރާދަކުރެއްވިއްޔާ މިފެށޭ ދިރާސީ އަހަރާއެކު ދަރުމަވަންތަ ސްކޫލަކީވެސް އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ބަދަލުވެގެންދާނެ. މީގެ އިތުރުން އަތޮޅުތަކުންވެސް ވަރަށް ގިނަ ސްކޫލްތަކެއް އެއްދަންފަޅިއަށް ބަދަލުވާނެ، ވަސީލަތްތަކާއެކު ޤާއިމްވެދާނެ." ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވިއެވެ.

ދެ ބްލޮކަކަށް ޢިމާރާތްކުރާ، ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަކުގެ ޢަމަލީ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތް ކުރަމުން އަންނަނީ، ވިލާ ކޮލެޖު ކުރިމަތީގައި އޮތް ބިމުގައެވެ. ދަރުމަވަންތަ ސްކޫލްގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޙަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ. މި މަޝްރޫޢަށް 74.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އައު ސްކޫލްގައި ކިޔަވައިދޭއިރު، ކޮންމެ ކުލާހެއްގައިވެސް 25 ކުދިންނަށް ކިޔެވޭނެހެން 41 ކްލާސްރޫމް ހުންނާނެއެވެ. މިސްކޫލްގައި ޕްރައިމަރީ އަދި ސެކަންޑަރީއަށް ޚާއްސަ 2 ފަންގިފިލާގެ ލައިބްރަރީއަކާއި އެނޫންވެސް ޒަމާނީ ގިނަ ވަޞީލަތްތައްކެއް ހުންނާނެކަމަށް، އެޑިޔުކޭޝަނުން ހާމަކުރައްވައެވެ. އެއް ދަންފަޅިއަށް ހިންގުމަށް މިނިސްޓްރީއިން ނިންމާފައިވާ ދަރުމަވަންތަ ސްކޫލްގެ ޢަމަލީ މަސައްކަތް ނިމި އެތަނުގައި ކިޔަވައިދޭން ފަށާނީ، އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމްތަކަކާއެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ. އެތަން ބާވެ ބޭނުންނުކުރެވޭ ވަރުވުމުގެ ސަބަބުން 2016 ވަނަ އަހަރު ވަނީ އެ ސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާއި އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވިދޭން ފަށާފައެވެ.

މީގެ އިތުރުން ދިރާސީ އައު އަހަރު ކިޔަވައިދޭ ފަށާ، ޞަލާހުއްދީން ސްކޫލަކީ، 6 ފަންގިފިލާއަށް ޢިމާރާތްކުރައްވާ ސްކޫލެކެވެ. މިއީ 1000 އާއި 1200 އާ ދެމެދުގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލަކީ 118 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ތަރައްޤީކުރައްވާ ސްކޫލެކެވެ.

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީ.އެޗް.އެސް.އީގެ އައު ޢިމާރާތަކީ 8 ފަންގިފިލާގެ ސްކޫލެކެވެ. ހުޅުމާލޭ އައުޓްޑޯ ސްޕޯރޓްސް ކޮމްޕްލެކްސް ފުރަގަހުގައި ތަރައްޤީ ކުރާ މި ސްކޫލަކީ އެކާވީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ސްކޫލެކެވެ. ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.