ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއަކީ އޭނާ ކުޅުނު ޒަމާނުގައި އިޓަލީގައި ނަން ހިނގާ މޮޅު މިޑްފީލްޑަރެކެވެ. އެކަމާ ދެބަސްވާ މީހަކު މަދުވާނެއެވެ. ބްރެޒިލުގެ ރޮނާލްޑޯ އާއެކު އިޓަލީގެ އިންޓަ މިލާނަށް މޮރިއޭރޯ ކުޅެފައިވެއެވެ. އިޓަލީގެ ޤައުމީ ޓީމަށްވެސް މޮރިއޭރޯ ވަނީ ކުޅެފައެވެ.
ކުޅުންތެރިއެއްގެ ގޮތުން މޮރިއޭރޯ ހޯދާފައިވާ ކާމިޔާބީތަކަކީ އޭނާއަށް ކުޅުންތެރިއެއްގެ ގޮތުގައި ލެޖެންޑެއްގެ ދަރަޖަ ހައްގު ކާމިޔާބީތަކެކެވެ.
އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ދިޔަ ދުވަހު ސާފް މީޑިއާގެ އިސް އޮފިޝަލް އަޔޫސް މަހާރަޖަން ވިދާޅުވީ، މޮރިއޭރޯއަކީ މި މުބާރާތުގައި ކޯޗުކޮށްދޭ އެންމެ ހައި ޕްރޮފައިލް ކޯޗު ކަމަށެވެ. މޮރިއޭރޯއަކީ ހައި ޕްރޮފައިލް ކޯޗެއްގެ ގޮތުގައި އަޔޫސް ސިފަކުރީ ކުޅުންތެރިއެއްގެ ގޮތުން މޮރިއޭރޯ ހޯދާފައިވާ ކާމިޔާބީތަކަށް ނިސްބަތްކޮށެވެ.
ރާއްޖޭގެ ޤައުމީ ޓީމާ މޮރިއޭރޯ ހަވާލުވީ، 2021 ވަނަ އަހަރުގައި އޮކްޓޯބަރު މަހުގައެވެ. މޮރިއޭރޯގެ ފުރަތަމަ މުބާރާތަކީ އެ އަހަރުގެ ނޮވެމްބަރު މަހު ސްރީ ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕެވެ. އެ މުބާރާތުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓިއިރު، މުބާރާތުގައި ރާއްޖެއިން ފެނިގެންދިޔައީވެސް ދަށްކުޅުމެކެވެ. އެގޮތުން 18 އަހަރުގެ ތެރޭގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ އެ މުބާރާތުގައެވެ.
އެ މުބާރާތަށް ފަހު މޮރިއޭރޯއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަވާލުކުރި ޓާސްކަކީ، އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. އެކަމަކު ކޮލިފިކޭޝަނުގައި ރާއްޖެއިން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ.
ނަމަވެސް އެފަހަރުވެސް ރާއްޖޭގެ ސަޕޯޓަރުން މޮރިއޭރޯގެ ވާހަކަ ދައްކާފައެއް ނުވެއެވެ. މި ފަހުން މޮރިއޭރޯގެ އަޑު ގަދަވީ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ދަށް ކުޅުމުގެ ސަބަބުންނެވެ.
މުބާރާތް ފެށުމުގެ ކުރިން މޮރިއޭރޯ ވަނީ އޭނާގެ "މެންޓަލިޓީ" އަކީ އިޓާލިއަން "މެންޓަލިޓީ" ކަމަށް ބުނެފައެވެ. އެއާއެކު ދިވެހިންގެ އުއްމީދު ޤައުމީ ޓީމަށް ބޮޑުވިއެވެ. އެކަމަކު ކުރިން ރާއްޖެއިން ފަސޭހަކަމާއެކު ބަލިކުރާ ބޫޓާން މެޗުން ރާއްޖެ މޮޅުވީ، ނަސީބު ރަނގަޅު ކަމުންނޭވެސް ބުނެވިދާނެއެވެ. މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓުކޮށްގެން ކުޅުނީ ބޫޓާނުންނެވެ.
ދެވަނަ މެޗުގައި ރާއްޖެއިން ނުކުތީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖެއިން ބަންގްލަދޭޝް އަތުން އެންމެ ފަހުން ބަލިވެފައިވަނީ 2003 ވަނަ އަހަރުގެ ފައިނަލުގައެވެ. އެ ފަހަރުވެސް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ފަހުން މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ 3-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް އަތުންވެސް ބަލިވެފައެވެ.
އެ މެޗަށްފަހު މޮރިއޭރޯގެ "އެޓިޓިއުޑް" ފެނިގެންދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. ނޫސްވެރިންގެ ބައްދަލުވުމަށް އައިސް މޮރިއޭރޯ ބުނިހާވެސް ވާހަކައަކީ ފުރަތަމަ 25 މިނެޓު ރާއްޖޭގެ ކުޅުން ރަނގަޅު ކަމަށާއި، ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
"ފުރަތަމަ 25 މިނެޓުގައި ޕާސްކޮށްގެން ރަނގަޅަށް ކުޅުނު. މި ބައްޔާއެކު ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެން.ޤައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ
ޤައުމީ ޓީމުގެ ކޯޗުކަމާ މޮރިއޭރޯ ހަވާލުވިފަހުން ރާއްޖެއިން ވަނީ ޖުމްލަ 15 މެޗު ކުޅެފައެވެ. އޭގެ ތެރެއިން ހަތް މެޗުން ރާއްޖެ ބަލިވެފައިވާއިރު، ހަ މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އަދި ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ކޮންމެއަކަސް މޮރިއޭރޯއަކީ ނަމުން ހައި ޕްރޮފައިލް ކޯޗެކެވެ. އެއީ އޭނާގެ ރަން ޒަމާނުގައި ދެއްކި މޮޅު ކުޅުމާއެކުގައެވެ. އެކަމަކު ރާއްޖޭގެ ޤައުމީ ޓީމަށް ނަތީޖާ ނެރެދިނުމުގައި ކޯޗު ފެނިގެންދިޔައީ ސުމެއްގެ ކޯޗެއްގެ ގޮތުގައެވެ.
ޤައުމީ ޓީމުގެ ނަތީޖާ ދަށްވުމުގެ ޒިންމާ ހަމައެކަނި ކޯޗު ބޮލުގައި އެޅުވޭކަށެއްވެސް ނެތެވެ. ޤައުމީ ޓީމުން މި މުބާރާތާ ކުރިމަތިލީ އެކުވެރިކަމުގެ މެޗެއްވެސް ނުކުޅެއެވެ. ޤައުމީ ޓީމުން ކޮމްޕެޓިޓިވް މެޗެއް ނުކުޅޭތާވެސް މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި މުބާރާތަށް ދެން ކުރިމަތިލި ޓީމުތަކުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ މެޗުތަކެއްވެސް ވަނީ ކުޅެފައެވެ.
ޤައުމީ ޓީމުގެ ނަތީޖާ ދަށްވިއިރު، އެފްއޭއެމުގެ ޓެކްނިކަލް ކޮމިޓީ އޮތީ ނިދާފައޭވެސް ބުނެވިދާނެއެވެ. ހަަމައެކަނި ޓެކްނިކަލް ކޮމިޓީ އެކަންޏެއް ނޫނެވެ. މުޅި އެފްއޭއެމުގެ އިހުމާލުވެސް ޤައުމީ ޓީމުގެ ނަތީޖާ ދަށްވުމުގައި އެބައޮތެވެ. ޤައުމީ ޓީމުގެ ކޯޗަކީ އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކޯޗެކެވެ. އެހެންނަމަވެސް މުބާރާތަށް ނުކުތްއިރު، ޤައުމީ ކޯޗުގެ ތަރުޖަމާނެއްހާ ހިސާބުވެސް ނެތެވެ.
"ޕީއެސްއެމް ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުން ބޭރުގެ ބައެއް މީޑިއާއަށް މައުލޫމާތު ދެމުން ޤައުމީ ކޯޗު މޮރިއޭރޯ ވަނީ އޭނާގެ ތަރުޖަމާނަކު ނެތުމުން އެކަމުގެ އުނދަގޫތަކެއް ހުރިކަމަށްވެސް ބުނެފައެވެ.
ކޮންމެއަކަސް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުން ކެޓުމަކީ ރާއްޖޭގެ ރައްޔިތުންނަށް "ހަޖަމު" ވާނެ ކަމެއް ނޫނެވެ.