ޚަބަރު

އަޟްޙާ ޢީދުގެ މުނާޞަބަތުގައި ސަލްޓަން ޕާކުގައި ކުޑަކުދިންގެ ހަވީރެއް


އަޟްޙާ ޢީދުގެ މުނާޞަބަތުގައި ސަލްޓަން ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ސަލްޓަން ޕާކުގައި މި ހަވީރު ކުރިއަށްގެންގޮސްފައިވަނީ ހަވީރު 16:00 އިން 18:00 އަށެވެ. މި ހަވީރަކީ މާލޭ ސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ކުޑަކުދިންގެ ހަވީރުގައި ކުރެހުމާއި ކުލަޖެއްސުމާއި، މިނޫންވެސް ފަންނުވެރި ކަމާއި ގުޅޭ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެކި ޢުމުރުފުރާގެ ކުދިންނަށް ދީފައިވެއެވެ. މި ހަވީރުގެ މަޤްޞަދަކީ އާރޓް އެންޑް ކްރާފްޓްގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއެކު މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް ޢާއިލާ އާއެކު އަޟްޙާ ޢީދު އުފާވެރި ޢީދެއްގޮތުގައި ފާހަގަކުރުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މި ހަވީރު ކުރިއަށްދިޔަ ވަގުތު ގިނަ ޢަދަދެއްގެ ކުދިންވަނީ ފެންކުލައާއި، ކުރެހުމާއި، އެ ނޫންވެސް ތަފާތު ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

މި އަހަރުގެ އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެގޮތުން މާލެސިޓީ ކައުންސިލުން ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާލާފައެވެ.

މީގެ އިތުރުން ޙައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން މާލެސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން ވަނީ އަޑުހަރުކޮށް ތަކުބީރު އިއްވަން ފަށާފައެވެ.

ޢީދު ފާހަގަކުރުމުގެ ގޮތުން ޢީދު ނަމާދަށްފަހު ސަލްޓަންޕާކު ސަރަޙައްދުގައި ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ޢީދު ސަޔެއް ބާއްވާފައިވާއިރު، އުރީދޫ އާއި މާލެސިޓީ ކައުންސިލް ގުޅިގެން އުސްފަސްގަނޑު ސަރަޙައްދުގައި އުޟްހިޔާ ކަތިލުމުގެ ޚާއްސަ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.