ޚަބަރު

ޝަރުޠު ހަމަވެ ގޯތި ނުލިބުނު މީހުންނަށް "ޖޮއިންޓް"އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު


  • އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑު

  • ފުރަތަމަ ބުރުގައި ދޫކުރަނީ 5000 ގޯތި

  • 10314 މީހަކަށް ގޯތި ލިބޭ

  • ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި

ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމްގެ ދަށުން، ފޯމް ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު އޮތް މީހުންނަށް "ޖޮންއިންޓް" އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އިޢުލާންކުރެއްވި ބިންވެރިޔާގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ގޯތި ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.

ކޮމިޓީން ވިދާޅުވީ، ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ވިދާޅުވެއެވެ.

ކޮމިޓީން ވިދާޅުވީ، ޝަރުތު ހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް މީހުންނަށް ނުވަތަ އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު އޮތް މީހުންނަށް މިހާރު ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެކަމަށެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ޕޯޓަލް އިން ލޮގިންވުމުން ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަން ފެންނާނެ ކަމަށާއި، ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް ޝަރުތު ހަމަވާނަމަ ރިކުއެސްޓް ފޮނުވުމަށް ހާއްސަކުރެވިފައިވާ ބައި ފެންނާނެކަމަށެވެ. އަދި ޖޮއިންޓް ރިކުއެސްޓް ފޮނުވޭނެ އުސޫލުވެސް ބަލާލަވޭނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.

ޝަރުތު ހަމަވެ މިފަހަރު ގޯތި ނުލިބުނު އެންމެނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ކުރިއަށްހުރި މަޝްރޫޢުތަކުން ގޯތި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ގޯތި ލިބޭނެކަމަށް ކަނޑައަޅަ ޢާންމުކޮށްފައިވާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައި 15އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އޭގެފަހުން ދާއިމީ ލިސްޓު ޢާންމުކުރައްވާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.