ދުނިޔޭގެ ވިޔަފާރި

މޫސުން ގޯސްވެ، އެމެރިކާގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފި


އެމެރިކާގައި މޫސުން ގޯސްވެ، 8000 އަށްވުރެ ގިނަ ފްލައިޓް ހޯމަދުވަހު ކެންސަލް ނުވަތަ ޑިލޭވެފައިވާކަމަށް ހަބަރުތައް ބުނެފިއެވެ.

ވައިގެ ދަތުރުތަކަށް ބުރޫއަރަން މެދުވެރިވީ ވިއްސާރައާއި ގުގުރުމާއެކު މޫސުން ވަރަށް ބޮޑަށް ގޯސްވެގެންކަމަށްވެސް ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން އިންޓަރނޭޝަނަލް ފްލައިޓާއި ޑޮމެސްޓިކް ފްލައިޓް ހިމެނޭގޮތަށް 6196 ފްލައިޓް ޑިލޭވެފައިވާކަމަށެވެ. އަދި 1674 ފްލައިޓް ކެންސަލް ވެފައިވާކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެމެރިކާގެ އެެއަރލައިންތަކަށް ބަލާއިރު ޔުނައިޓެޑް އެއަރލައިންސްގެ 314 ފްލައިޓް ކެންސަލްވިއިރު، 853 ފްލައިޓް ވަނީ ޑިލޭވެފައެވެ. ޑެލްޓާ އެއަރލައިނަށް ބަލާއިރު 216 ފްލައިޓް ކެންސަލްވިއިރު، 845 ފްލައިޓް ވަނީ ޑިލޭވެފައެވެ. ބޮޑެތި އެއަރލައިންތަކުގެ އިތުރުން، އެހެން ބައެއް ކުދި އެއަރލައިންތަކުގެ ދަތުރުތަކަށްވެސް ވަނީ އަސަރުކޮށްފައެވެ.

މޫސުން އެންމެ ބޮޑަށް ގޯސްވެފައިވަނީ އަރްކަންސަސް، ޓެނެސީ، މިސިސިޕީ އަދި އޮހައިއޯ ވެލީގައެވެ. މޫސުން ގޯސްވުމާއި ގުޅިގެން 7 ލައްކައެއްހާ މީހުންނަށް ކަަރަންޓްވެސް ނުލިބޭކަމަށް ހަބަރުތައް ބުނެއެވެ.