ދުނިޔޭގެ ވިޔަފާރި

ޖަޕާނާއި ދެކުނު ކޮރެޔާގެ ވިޔަފާރީގެ ގުޅުން ރަނގަޅުވާން ފަށައިފި


ޖަޕާނުން އިތުބާރުކުރާ ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި ދެކުނު ކޮރެޔާ ބަލައިގަތުމަށް ޖަޕާނުން އަނެއްކާވެސް ނިންމައިފިއެވެ.

ދެކުނު ކޮރެޔާއަކީ އިތުބާރު ކުރެވޭ ފަރާތެއް ނޫންކަމަށް ނިންމައި، ޖަޕާނުން އެ ޤައުމާއެކު އޮންނަ ވިޔަފާރީގެ ގުޅުން ކުޑަކުރީ 2019 ވަނަ އަހަރުއެވެ.

ޖަޕާނުން ދެކުނު ކޮރެޔާއާއެކު އޮންނަ ވިޔަފާރީގެ ގުޅުން ކުޑަކުރީ މީގެ އެތައް ޒަމާނެއްކުރިން ޖަޕާނުން ކޮރެޔާގައި ހިންގިކަމަށް ބުނާ ލާއިންސާނީ އަމަލުތަކަކާއި ގުޅިގެން ބަދަލު ހޯދަން ދެކުނު ކޮރެޔާގެ ކޯޓަކުން ނިންމުމުންނެވެ. އޭގެފަހުން ދެ ފަރާތުންވެސް ދިޔައީ އެއްބަޔަކު އަނެއް ބަޔަކަށް ވިޔަފާރީގެ ތެރެއިން ފިޔަވަޅުތައް އަޅަމުންނެވެ.

ޖަޕާނާއި ދެކުނު ކޮރެޔާއިން އަނެއްކާވެސް ވިޔަފާރީގެ ގުޅުން ކުރިން އޮތްގޮތަށް ބަދަލުކުރުމާއެކު ޖުލައި 21 އިން ފެށިގެން ދެކުނު ކޮރެޔާއަށް ވިޔަފާރީގެ ލުއިފަސޭހަތައް ލިބިގެންދާނެކަމަށް ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓްރީން ބުނެއެވެ.

ދެކުނު ކޮރެޔާއާއި ޖަޕާނުގެ ވިޔަފާރީގެ ގުޅުން އަނެއްކާވެސް ރަނގަޅުވެފައި މިވަނީ ދެކުނު ކޮރެޔާގެ ރައީސްކަމުގެ މަޤާމަށް ޔޫން ސުކް ޔިއޯލް މިދިޔަ އަހަރު އިންތިހާބުވުމަށްފަހު ކުރެއްވި މަސައްކަތުންނެވެ. އެ މަސައްކަތާއެކު ޖަޕާނާއި ދެކުުނު ކޮރެޔާއާ ދެމެދު އަނެއްކާވެސް ވަނީ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުންތައްވެސް ފަށާފައެވެ.

ދެކުނު ކޮރެޔާއިން މައްސަލަ ހައްލުކުރަން ފެށުމާއެކު ޖަޕާނުން ވަނީ އެ ވިޔަފާރީގެ ތެރެއިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ދޫދީފައެވެ. އޭގެތެރޭގައި ބައެއް ތަކެތި އެކްސްޕޯޓްކުރުމުގައި ކޮންޓްރޯލްކޮށްފައި އޮތްއޮތުން ވަނީ ނިމުމަކަށް ގެނެސްފައެވެ.