ޚަބަރު

މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާރ އޮޕަރޭޓާސް، މަޓާޓޯއިން އިންތިޒާމްކުރާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަޓާޓޯއިން މިއެވޯޑަށް ނަން ހުށައެޅުމަށް ހުޅުވާލާފައި ވަނީ ޖޫންމަހުގެ 25 އިން ފެށިގެން އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

2 އަހަރަށްފަހު މޯލްޑިވްސް ޓްރެވެލް އެވޯޑްސް މިއަހަރު ބާއްވާއިރު، މިއަހަރުގެ އެވޯޑްސްގައި ގެސްޓް ހައުސް އެޑިޝަންގައި 10 ދާއިރާއެއް ހިމެނޭއިރު، އެވޯޑް ދިނުމުގައި އާއްމުންގެ ޚިޔާލާއި، އެސްއެމްއެސްގެ އިތުރުން، ޓްރިޕް އެޑްވައިޒަރގައި ގެސްޓް ހައުސްގެ ރޭންކިންގއަށް ބަލާނެއެވެ.

2 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު އަލުން މި އެވޯޑް ދޭންފަށާއިރު، އެވޯޑްގައި ތަފާތުކަމެއް ފެންނާނެކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ. މިއަހަރުގެ އެވޯޑްސްގައި ގެސްޓްހައުސް އާއި ރިސޯޓް ކްރޫސް އެންޑް ސާވިސްގެ ދަށުން 32 ދާއިރާއެއް ހިމެނޭއިރު މިއީ ވޭތުވެދިޔަ އަހަރާ އަޅާ ބަލާއިރު އެވޯޑްސް އަށް އައިސްފައިވާ ބޮޑު ކުރިއެރުމެކެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯއިން ދެމުން އަންނަ އެވޯޑެކެވެ.

2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވެލް އެވޯޑްސް ބާއްވާ 9 ވަނަ އަހަރެވެ.