ޚަބަރު

ޕުޓިންގެ ސަރުކާރު ވައްޓައިލާކަށް ނޫޅެން: ޕްރިގޮޜިން


ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ބަޣާވާތް ކުރަން ފެށީ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ސަރުކާރު ވައްޓައިލުގެ ނިޔަތުގައި ނޫން ކަމަށް އެ ޤައުމުގެ ކުލީ ސިފައިންގެ ކުންފުނި – ވާގްނަރ ގުރޫޕުގެ އިސްވެރިޔާ ޔެވްގެނީ ޕްރިގޮޜިން ބުނެފިއެވެ. އޭނާ މިހެން ބުނެފައި ވަނީ، ވާގްނަރގެ ކުލީ ސިފައިން އަރައި އަތްގަދަކޮށްފައިވާ ރަޝިޔާގެ ދެކުނުގައިވާ ދެ ރަށަކުން ފޭބުމަށް ފަހުއެވެ.

ވާގްނަރގެ ކުލީ ސިފައިން ރަޝިޔާއަށް އެތެރެވެފައި ވަނީ ޔޫކްރެއިނުންނެވެ. އަދި، ރަޝިޔާގެ ދެކުނުގައިވާ ރަސްތޮފް-ނަ-ދަނޯއާއި ވަރޯޝިނަށް އަތްގަދަކޮށް، އެ ދެ ރަށުގައިވާ ރަޝިޔާގެ އަސްކަރީ މަރުކަޒުތައް އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ޕްރިގޮޜިން ބުނީ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައި ވަނީ، ރަޝިޔާގެ ސަލާމަތީ ފިޔަވަޅުތަކުގެ ދޯދިޔާ ކަން ހާމަކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

"އަހަރުމެން ބޭނުންވީ ކަމެއް ސާބިތުކޮށްދޭން. އެއީ، ރަޝިޔާގެ ސަލާމަތީ ފިޔަވަޅުތަކުގެ ދޯދިޔާ ކަން. ޕުޓިންގެ ސަރުކާރު ވައްޓައިލުމަކީ އެއްވެސް އިރަކު އަހަރުމެންގެ ނިޔަތެއް ނޫން. އަހަރުމެން ފެށި ދަތުރުން ރަޝިޔާގެ ސަލާމަތީ ފިޔަވަޅުތަކުގެ ދޯދިޔާކަން ވަނީ ހާމަވެފައި،" ޕްރިގޮޜިން ބުންޏެވެ.

ޕްރިގޮޜިންއާއި އޭނާގެ ކުލީ ސިފައިންގެ ފައުޖުން ރަޝިޔާއަށް ޣައްދާރުވެފައިވާ ކަމުގައި ޕުޓިން ވަނީ ވިދާޅުވެފައެވެ. އަދި، އެ މީހުން ބަޣާވާތެއް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސިފަކޮށް، އެ މީހުން ހިފައި ހައްޔަރުކުރާނެ ކަމުގެ އިންޒާރު ވެސް ޕުޓިން ދެއްވިއެވެ. ނަމަވެސް، ބެލަރުސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯއާއި ޕްރިގޮޜިންއާ ދެމެދު ބޭއްވި ބައްދަލުވުމަކަށް ފަހު، ވާގްނަރގެ ފައުޖުތަކުން ވަނީ ރަޝިޔާ ދޫކޮށް ބެލަރޫސްއަށް ދަތުރު ފަށާފައެވެ.

ވާގްނަރގެ ކުލީ ސިފައިން އެންމެ ފުރަތަމަ އަތްގަދަކޮށްފައި ވަނީ ރަސްތޮފަށެވެ. އެއަށްފަހު، ވަރޯނިޝަށް އަރައި އެ ރަށުގައިވާ އަސްކަރީ މަރުކަޒުތައް ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ވަރޯނިޝަކީ ރަސްތޮފާއި ވެރިރަށް މޮސްކޯއާ ދެމެދުގައި އޮންނަ ރަށެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، މޮސްކޯ ހިފާނެ ކަމުގެ އިންޒާރު ޕްރިގޮޜިން ކުރިން ދީފައިވެއެވެ.

މިއީ ބަޣާވާތެއް ނޫން ކަމުގައި ޕްރިގޮޜިން ސިފަކުރި ނަމަވެސް، އޭނާގެ ކުލީ ސިފައިންގެ ފައުޖުން ވަނީ 1,000 ވަރަކަށް ކިލޯމީޓަރުގެ ސަރަޙައްދަކަށް ދަތުރުކޮށްފައެވެ. ވާގްނަރގެ ފައުޖުތައް ބެލަރޫސަށް ދިޔުމަށް ދަތުރު ފަށާފައިވާ ކަން ޕްރިގޮޜިން ހާމަކުރި ނަމަވެސް، އޭނާ މި ވަގުތު ހުރީ ކޮން ތަނެއްގައި ކަން ސާފުކޮށްދީފައެއް ނުވެއެވެ.

ރަޝިޔާއިން ވަނީ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރަން އުޅުމުގެ ތުހުމަތުގައި ޕްރިގޮޜިންއާ ދެކޮޅަށް ޖިނާޢީ ތަހުޤީޤެއް ހިންގަން ފަށާފައެވެ. އޭނާގެ ފައުޖުތަކުން ރަޝިޔާ ދޫކޮށް ފައިބާފައިވީ ނަމަވެސް، ޕްރިގޮޜިންއާ ދެކޮޅަށް ފަށާފައިވާ ތަހުޤީޤު ކުރިއަށްދާ ކަމަށް އެ ޤައުމުގެ މީޑިޔާތަކުން ހާމަކުރެއެވެ. ޕްރިގޮޜިންގެ ފައުޖުތަކުން ރަޝިޔާ ދޫކޮށް ފައިބަން ފަށާފައި ވަނީ، އެ މީހުންނާ ދެކޮޅަށް ޖިނާޢީ ދަޢުވާއެއް ނުކުރާނެ ކަމުގެ ޔަގީން ކަން ޕުޓިންގެ ސަރުކާރުން ދިނުމުންނެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕުޓިންގެ ބޮޑުވަޒީރު މިޚާއީލް މިޝޫސްތިން ވިދާޅުވީ، ވާގްނަރގެ އަމަލުތަކާ ގުޅިގެން ރަޝިޔާގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވި ކަމުގައެވެ. އަދި، ޤައުމުގެ ހަމަޖެމުހާއި ސުލްޙަ ގެއްލުނު ކަމަށް ވިދާޅުވެ، ސަރުކާރަށް ތާޢީދު ކުރުމަށް އޭނާ ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ގޮވައިލައްވާފައެވެ.

"މިއީ އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތެއް. އަޅުގަނޑުމެންގެ ފައުޖުތަކުގެ ބަދަހިކަން އިތުރުކުރަން ޖެހޭ ދަނޑިވަޅެއް. އަދި، ރައީސްގެ ފަހަތްޕުޅަށް އަރަން ޖެހޭ ވަގުތެއް،" މިޝޫސްތިން ވިދާޅުވިއެވެ. ޕްރިގޮޜިންގެ ފައުޖުތަކުން ރަޝިޔާ ދޫކޮށް ފައިބަން ފެށި ފަހުން މި ކަމާ މެދު ޕުޓިން ވަކި އެއްޗެއް ހާމަކޮށްފައި ނުވާ ކަން ފާހަގަކުރެވެއެވެ.

ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމަށް ފަހު އެ ޤައުމުގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ މަގާމުން ވަކި ކުރުމަށް ވެސް ޕްރިގޮޜިން ވަނީ ޕުޓިންއަށް ގޮވައިލާފައެވެ. ނަމަވެސް، އެ ގޮވައިލުމަށް ޕުޓިން އިހުރާމު ކުރައްވާފައެއް ނުވެއެވެ. އަދި، ރަޝިޔާގެ ޤައުމީ ޓީވީން ވަނީ ޝޮއިގޫގެ ބައްދަލުވުންތަކެއްގެ ވީޑިޔޯ ޢާންމުކޮށް، އޭނާ އަދިވެސް މަޤާމުގައި ދެމިހުންނެވި ކަން ހާމަކޮށްފައެވެ.