ޚަބަރު

ދިވެހި ޙައްޖުވެރިން މިނާއަށް ދަތުރު ފަށައިފި


  • ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ 881 ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު

  • އެޑްވާންސް ޓީމް މިނާއަށްގޮސް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ވަނީ ހަމަޖައްސާފައި

  • ޙައްޖުވެރިންނަށް ސިލްސިލާކޮށް ދީނީ ދަރުސްތަކެއް

ޙައްޖާޖީން މިނާއަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާކަމަށާއި، މަސައްކަތްކުރަމުންދަނީ ސަޢުދީ ގަޑިން މެންދުރު ނަމާދު ވަގުތަށް މިނާއަށް ޙައްޖުވެރިން ގެންދިޔުމަށްކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މިވަގުތު ޙައްޖުވެރިން ބަހަށް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ލަފާކުރެވެނީ ސައުދީ ގަޑިން މެންދުރު ނަމާދު ވަގުތު ޖެހެންވާއިރަށް މިނާއަށް ޙައްޖުވެރިންނަށް ދެވޭނެކަމަށްކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އެކޯޕަރޭޝަނުން ބުނީ، ޢާއްމުގޮތެއްގައި ޙައްޖުވެރިންގެ ޙާލު އަޙުވާލު ރަނގަޅުނަމަވެސް ބައެއް ޙައްޖުވެރިންނަށް އަރިދަފުސް ރޯގާގެ އަސަރުކޮށްފައިވާކަމަށެވެ.

މިނާއަށް ޙައްޖުވެރިންގޮސް މެންދުރު ނަމާދުކޮށް ކައިގެން އަރާމުކުރުމަށްފަހު، އަޅުކަމާއިގެން ކުރިއަށްދާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި ދުޢާކުރުން ހިމެނެއެވެ. އަދި ޢަރަފާތު ބިމަށް ދިޔުމަށް މިރޭ ފަތިހު ޙައްޖުވެރިން ދަތުރުކުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މިނާއަށް ޙައްޖުވެރިން ގެންދިޔުމަށް މިދަތުރުގައި 19 ބަސް ބޭނުންކުރަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ކޮންމެ ބަހެއްގައި 42 މީހުންނާއި 46 މީހުންނާއި ދެމެދުގެ ޢަދަދަކަށް ޙައްޖުވެރިން ދަތުކުރަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މީގެއިތުރުން ރާއްޖެއިން ޙައްޖަށް މީހުންދާ އަނެއް 3 ގްރޫޕުގެ ޙައްޖުވެރިންވެސް މިއަދު މިނާއަށް ދާނެއެވެ. މި ގްރޫޕްތަކުން ޙައްޖަށް ގެންދިޔަ މީހުން ދަތުރުކުރަން ހަމަޖެހިފައި އޮތީ ކޮންމެ ގްރޫޕަކުން 2 ބަހުގައިކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމަށްޓަކާ 70 މީހުންގެ ޓީމެއް އެހީތެރިންގެ ގޮތުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި ޞިއްޙީ ފަރުވާގެ ކަންކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރަކާއި، 4 ނަރުހުންނާއި، ކައްކާއިންނާއި، ދީނީ ޢިލްމުވެރިންނާއި، އެހީތެރިން ހިމެނެއެވެ.

ޙައްޖުމަހުގެ ނުވައެއް ނުވަތަ ޢަރަފާތު ދުވަހުގެ އިރު އެރުމުން މިނާދޫކޮށް ޙައްޖުވެރިން ޢަރަފާތު ބިމަށްގޮސް އެތަނުގައި އިރުއޮއްސެންދެން އަޅުކަންކޮށް، މާތްﷲއަށް ކުއްތަންވުމުގައި ވަގުތުތައް ހޭދަކުރާނެއެވެ. އަދި އޭގެ އަނެއް ދުވަސް ނުވަތަ ޙައްޖު މަހުގެ 10 ވަނަ ރޭ މުޛްދަލިފާގައި ރޭކުރުމަށްފަހު 10 ވަނަ ދުވަހުގެ އިރަށް ދޮންކުރުމަށްފަހު އިރުއެރުމުގެ ކުރިން މިނާއަށް ދާނެއެވެ.

އެދުވަހުގެ އިރު އެރުމުން ޖަމްރަތުލްޢަޤަބާއަށް ވިދިވިދިގެން 7 ހިލަކޮޅު އެއްލާނެއެވެ. އަދި އެއަށްފަހު ޙަދްޔު ކަތިލުމަށްފަހު ފިރިހެނުންގެ ބޯބެލުން ނުވަތަ ކުރުކޮށް ކޮށާނެއެވެ. އަންހެނުންގެ އިސްތަށިގަނޑުން އަނގުލެއްގެ މިންވަރަށް ބުރިކުރާނެއެވެ.

އެއަށް ފަހު މައްކާއަށް ގޮސް ޠަވާފުލް ޢިފާޟާކުރާނެއެވެ. އެމީހަކު ޙައްޖުކުރަނީ ތަމައްޠުޢުގެ މަގުން ކަމުގައިވާނަމަ ޠަވާފުލް ޢިފާޟާކުރުމަށްފަހު ސަޢުޔުކުރަންވާނެއެވެ. ޙައްޖުމަހުގެ 11، 12، އަދި 13 މިތިން ދުވަހު މިނާގައި ރޭކުރުމަށްފަހު އެއިން ކޮންމެ ދުވަހަކުވެސް ޖަމްރާއަށް 7 ހިލަކޮޅު އުކަންޖެހެއެވެ. ދެ ދުވަހު ރޭކުރުމަށްފަހު މައްކާއަށް ދާން ބޭނުން މީހަކު މައްކާއަށް ދިޔުމަކީ ހުއްދަކަމެކެވެ. އަދި އެއަށްފަހު މަދީނާއަށް ގޮސް ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހިވަސައްލަމައަށް ޒިޔާރަތްކުރަންވާނެއެވެ. އެއަށްފަހު ފަހުކަމެއްގެ ގޮތުން ވަދާޢުގެ ޠަވާފުކުރާނީއެވެ.