ޚަބަރު

ޙައްޖާޖީން މާދަމާ މިނާއަށް ދަތުރު ފަށަނީ، ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު


  • ޙައްޖުވެރިން މިނާއަށް ދަތުރުފަށާނީ މާދަމާ ހެނދުނު ސަޢުދީ ގަޑިން 7 ޖަހާއިރު

  • ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ 881 ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު

  • އެޑްވާންސް ޓީމް މިނާއަށްގޮސް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ވަނީ ހަމަޖައްސާފައި

  • ޙައްޖުވެރިންނަށް ސިލްސިލާކޮށް ދީނީ ދަރުސްތަކެއް

1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި މަނާސިކުތައް އަދާކުރުމަށްޓަކާ މާދަމާ ދިވެހި ޙައްޖާޖީން މިނާއަށް ދަތުރު ފަށާނެކަމަށް މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ރާއްޖޭން މިއަހަރު ޙައްޖަދިޔަ 881 ޙައްޖާޖީން މިވަގުތު ތިބީ މައްކާގައި ހުންނަ ދިވެހި ޙައްޖުވެރިންނަށް މިއަހަރު ޚިދުމަތްދޭ "އަލް ބައިތު ގެސްޓްސް" ގައެވެ. ހުރިހާ ދިވެހި ޙައްޖާޖީންގެ ޙާލުވެސް އާއްމުގޮތެއްގައި ރަނގަޅުކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޙައްޖު ކޯރޕަރޭޝަނުން ވިދާޅުވީ، ދިވެހި ޙައްޖުވެރިން މިނާއަށް ދަތުރު ފެށުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ.

އެގޮތުން އެ ކޯރޕަރޭޝަންގެ އެޑްވާންސް ޓީމް މިނާއަށްގޮސް ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ޓެންޓްތައް ތައްޔާރުކޮށް ނަންބޯޑު ހަރުކޮށް ކަރަންޓާއި އެނޫންވެސް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޙައްޖު ކޯރޕަރޭޝަނުން ވިދާޅުވެއެވެ. އަދި ކެއުންބުއިމަށް ބޭނުންވާ ސާމާނާއި ޞިއްޙީ ފަރުވާ ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް ބޭނުންވާ އިންތިޒާމްތައްވެސް ހަމަޖައްސަމުންދާކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ދިވެހި ޙައްޖުވެރިން މިނާއަށް ދިއުމަށްޓަކާ ދަތުރުފަށާނީ ސަޢުދީ ގަޑިން މާދަމާ ހެނދުނު 7 ޖަހާއިރެވެ. ޙައްޖު ކޯރޕަރޭޝަނުން ވިދާޅުވީ، ހެނދުނުގެ ސަޔަށްފަހު ހުރިހާ ޙައްޖުވެރިންވެސް މިނާއަށް ދަތުރު ފަށާނެކަމަށެވެ. މިދަތުރުގައި 19 ބަސް ބޭނުންކުރާއިރު، މިއިން ކޮންމެ ބަހެއްގައި 42 އަކާއި 46 އަކާއި ދެމެދުގެ ޢަދަދަކަށް ޙައްޖުވެރިން ދަތުރުކުރާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

އޭގެ ކުރިން ޙައްޖުވެރިންނަށް ބޭނުންވާ ދީނީ މަޢުލޫމާތުތަކާއި، މިނާއަށް ދިއުމަށް ތައްޔާރުވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ޙައްޖުވެރިންނަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތުތައް ދިނުމަށް ސިލްސިލާ ދަރުސްތަކެއް ކުރިއަށްގެންގޮސްފައިވާކަމަށް ޙައްޖު ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމަށްޓަކާ 70 މީހުންގެ ޓީމެއް އެހީތެރިންގެ ގޮތުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި ޞިއްޙީ ފަރުވާގެ ކަންކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރަކާއި، 4 ނަރުހުންނާއި، ކައްކާއިންނާއި، ދީނީ ޢިލްމުވެރިންނާއި، އެހީތެރިން ހިމެނެއެވެ.