ދުނިޔޭގެ ވިޔަފާރި

އިންޓަރެސްޓް ރޭޓް މަތިކުރުމާއެކު ތުރުކީގެ ފައިސާގެ އަގު ދަށަށް!


  • ތުރުކީވިލާތުގެ އިންޓަރެސްޓު ރޭޓު 8 އިންސައްތައިން 15 އިންސައްތައަށް ވަނީ މަތިކޮށްފައި

  • ރޭޓު މައްޗަށް ޖެއްސީ އިންފްލޭޝަން ދަށް ކުރުމަށް

  • ތުރުކީވިލާތުގެ އިންފްލޭޝަން ރޭޓު ވަނީ 39.6 އިންސައްތައަށް މި ހުސްވި މޭމަހު ދަށްވެފައި

އިންޓަރެސްޓް ރޭޓު މަތިކުރުމާއެކު ތުރުކީވިލާތުގެ ފައިސާ ކަމަށްވާ، ލީރާގެ އަގު އެމެރިކާ ޑޮލަރާއި އަޅާބަލާއިރު ރެކޯޑު އަދަދަކަށް ވެއްޓިއްޖެއެވެ.

ހަބަރުތައް ބުނާގޮތުން ތުރުކީވިލާތުގެ އިންޓަރެސްޓު ރޭޓު 8 އިންސައްތައިން 15 އިންސައްތައަށް މަރުކަޒީ ބޭންކުން ބުރާސްފަތި ދުވަހު ވަނީ މަތިކޮށްފައެވެ. މިއީ 2021 ވަނަ އަހަރުގެ މާޗް މަހަށްފަހު އެ ގައުމުގެ އިންޓަރެސްޓު ރޭޓު މަތިކުރި ފުރަތަމަ ފަހަރު ނަމަވެސް، މިއީ މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ 21 އިންސައްތައަށްވުރެ ދަށް އަދަދެކެވެ.

ރޭޓު މައްޗަށް ޖެއްސުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން މަރުކަޒީ ބޭންކުން ނެރެފައިވާ ބަޔާނުގައި ބުނީ މިފިޔަވަޅު އެޅީ "ވީ އެންމެ އަވަހަކަށް" އިންފްލޭޝަން ދަށް ކުރުމަށްކަމަށެވެ. އަދި އިންފްލޭޝަނާއި ގުޅޭގޮތުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލު ވަންދެން މި ފިޔަވަޅު މަޑުމަޑުން ކުރިއަށް ގެންދާނޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ތުރުކީވިލާތުގެ އިންފްލޭޝަން ރޭޓު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު 85.5 އިންސައްތައިގައި ހުރި ނަމަވެސް މި މިންވަރު ވަނީ 39.6 އިންސައްތައަށް މި ހުސްވި މޭމަހު ދަށްވެފައެވެ.

މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި އެ ގައުމުގެ އިންފްލޭޝަން ކުރިއަށްއޮތްތަނުގައިވެސް މައްޗަށްދާނެއެވެ. އަދި އިންޓްރެސްޓު ރޭޓު މިއަހަރު އަދިވެސް މައްޗަށް ޖައްސާނެކަމަށް ބެލެވޭ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންފްލޭޝަން ކޮންޓްރޯލުކުރުމަށް އިންޓަރެސްޓު ރޭޓު މަތިކުރަމުން އަންނައިރު، 2021 ވަނަ އަހަރު ފަހުކޮޅުން ފެށިގެން ނުވަ ފަހަރަށް ތުރުކީވިލާތުގެ އިންޓަރެސްޓު ރޭޓު ވަނީ ދަށްކޮށްފައެވެ.

ލީރާގެ އަގު ވެއްޓުމާއެކު ތުރުކީވިލާތުގެ ދިރިއުޅުމުގެ އަގުތައް މައްޗަށް ޖެހި، ގައުމަށް އެތެރެ ކުރާ މުދަލަށް ދައްކަން ޖެހޭ ފައިސާ އަގުބޮޑުވެގެން ގޮސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.