ދުނިޔޭގެ ވިޔަފާރި

ވިއެޓްނާމުން ވެލިޔު އެޑެޑް ޓެކްސް ކުޑަކުރަނީ


  • ވިއެޓްނާމުން ނިންމާފައިވަނީ ވެލިއު އެޑެޑް ޓެކްސް 8 ޕަސަންޓުން 10 ޕަސަންޓަށް ކުޑަކުރުމަށް

  • ވެލިޔު އެޑެޑް ޓެކްސް ކުޑަކުރަން ވިއެޓްނާމުން ނިންމީ ޤައުމުގެ އިޤްތިޞާދު މަޑުޖެހެމުންދާތީ

  • މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވިއެޓްނާމްގެ ޤައުމީ އުފެއްދުންތެރިކަން ވަނީ 5.9 އިންސައްތައިން 3.3 އިންސައްތައަށް ވަނީ ދަށްވެފައި

މުދަލާއި ހިދުމަތުގެ އަގުން ވެލިޔު އެޑެޑް ޓެކްސް، ވެޓް ނަގާ މިންވަރު ކުޑަކުރަން ހުށަހަޅާފައިވާ ޕްލޭން ވިއެޓްނާމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ވިއެޓްނާމް ސަރުކާރުން ހުށަހަޅާފައިވާ ޕްލޭންގައިވާ ގޮތުން ވެޓް ކުޑަކުރަން ނިންމާފައިވަނީ މިއަހަރުގެ ނިޔަލަށެވެ.

ވެލިޔު އެޑެޑް ޓެކްސް ކުޑަކުރަން ވިއެޓްނާމުން ނިންމާފައިވަނީ ދުނިޔޭގެ ބާޒާރުގައި ޑިމާންޑް ދަށްވެ، އެކްސްޕޯޓަށް ބަރޯސާވެފައިވާ އެ ޤައުމުގެ އިޤްތިޞާދަށް އަސަރުކުރަމުންދާތީއެވެ. އަދި މި ފިޔަވަޅަކީ ޤައުމުގެ އެތެރޭގެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް، އުފެއްދުންތައް އިތުރުކުރުމަށް މަގުފަހިވާނެ ފިޔަވަޅެއްކަމަށްވެސް ވިއެޓްނާމް ސަރުކާރުން ޤަބޫލުކުރެއެވެ.

ވިއެޓްނާމުން ނިންމާފައިވަނީ ވެލިއު އެޑެޑް ޓެކްސް 8 ޕަސަންޓުން 10 ޕަސަންޓަށް ކުޑަކުރުމަށެވެ. މިދިޔަ އަހަރުން ފެށިގެން ނަގަމުން އަންނަ މިޓެކްސް ބޭންކިންގ، ފައިނޭންސް އަދި ރިއަލްއެސްޓޭޓް ވިޔަފާރިތަކުން ނުނަގައެވެ.

އިޤްތިޞާދީ ކުރިއެރުން މަޑުޖެހުމުން ސަލާމަތްވާން ވިއެޓްނާމުން މަސައްކަތްކުރާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވިއެޓްނާމްގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ވަނީ 5.9 އިންސައްތައިން 3.3 އިންސައްތައަށް ދަށްވެފައެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވިއެޓްނާމުން އެކްސްޕޯޓުކުރި މިންވަރު ވަނީ 12.3 އިންސައްތައަށް ދަށްވެފައެވެ. އެކްސްޕޯޓުކުރި މިންވަރު އެންމެ ބޮޑަށް ދަށްވެފައި ވަނީ ސްމާޓްފޯނާއި، އިލެކްޓްރިކް ސާމާނު އަދި އަންނައުނެވެ.

އެގައުމުގެ މަރުކަޒީ ބޭންކް ކަމަށްވާ ސްޓޭޓް ބޭންކް އޮފް ވިއެޓްނާމުން ވަނީ އެގައުމުގެ އިގްތިސާދު ކުރިއެރުވުމަށް މިއަހަރުގެ މިހާތަނަށް ޕޮލިސީ ރޭޓް 150 އާއި 200 ބެސިސް ޕޮއިންޓާ ދެމެދުގެ އަދަދަކަށް ހަތަރު ފަހަރު ދަށްކޮށްފައެވެ. އެންމެ ފަހުން ރީފައިނޭންސް ރޭޓް 4.5 އިންސައްތައަށް، ޑިސްކައުންޓް ރޭޓް 3.0 އިންސައްތައަށް އަދި އިލެކްޓްރޯނިކް އިންޓަބެންކް ރޭޓް 5.0 އިންސައްތައަށް ކުޑަކުރީ ޖޫންމަހުގެ 19 ވަނަ ދުވަހުއެވެ.