ކުޅިވަރު

20 އަހަރު ފަހުން ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ


20 އަހަރު ފަހުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސިރީ ކަންތީރަވާ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝްއިން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން ބަންގްލަދޭޝް އަތުން ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ބަލިވީ 2003 ވަނަ އަހަރުގައެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މިއަދު ކުޅުނު މެޗު ފަށައިގެން ބަންގްލަދޭޝްއިން ރާއްޖޭގެ ހާފަށް ބާރުބޮޑުކުރި ނަމަވެސް މެޗުގެ އަށްވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު ހަމްޕު ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ހަމްޕު ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި ލަނޑެއް ޖަހާ ރާއްޖެއަށް ލީޑު ނަގާދީފައެވެ. މިއީ އަލީ ފާސިރު (ސެންޓޭ) ގެ އެހީތެރިކަމާއެކު ހަމްޕު ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއެކު ބަންގްލަދޭޝްއިން ކުޅުން ރަނގަޅުކޮށް ރާއްޖެގެ ހާފަށް އިތުރަށް ނުރައްކާކުރިއިރު، މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމުގެ ޓޮޕޫ ބަރްމަން ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ރާއްޖޭގެ ހުސެއިން ނިހާން (ނިހާޓް) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރާކިބް ހޮސެއިނެވެ. މިއީ ޓޮޕޫގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފު ރާއްޖެއިން ފެށީ ބަދަލަކާއެކުގައެވެ. އެގޮތުން ކުރިއަށް ކުޅުނު ނާއިޒު ހަސަން (ދާދު) ގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ. މި މެޗުގެ 55 ވަނަ މިނެޓުގައި ސެންޓޭއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މުޅިން ހުސްކޮށްހުރެ ސެންޓޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ 67 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ތޯރިގް ރައިހާން ވަނީ ލަނޑެއް ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މިއީ ރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އަދި ބަންގްލަދޭޝްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޝެޚް މޮރްސަލީނެވެ.

މި މެޗުން ރާއްޖެ ބަލިވިއިރު، މީގެ ކުރިން 2021 ވަނަ އަހަރު ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ. އެއީ 18 އަހަރަށްފަހު ވާދަވެރި މެޗެއްގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝްއިން ހޯދި ފުރަތަމަ މޮޅެވެ. އެ ފަހަރު ބަލިވިއިރުވެސް ރާއްޖޭގެ ކޯޗުކަމުގެ މަގާމުގައި ހުރީ މިހާރުގެވެސް ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއެވެ.