ޚަބަރު

މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކުރައްވައިފި


  • އުތުރުގެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައި

  • މޫސުން އަލިވާނެކަމަށް ލަފާކުރަނީ އަންގާރަ ދުވަހުން ފެށިގެން

މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީީ މޫސުމަށް ސަމާލުވުމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. އެ އިދާރާއިން ވިދާޅުވީ މިދުވަސްވަރު ކުރަމުންދާ ވިއްސާރައަކީ ހުޅަނދު މުސުމުގެވިއްސާރަކަމަށާއި، ކުރިއަށް އޮތް ދެދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. ޚައްޞަކޮށް ކަނޑުތައް ގަދަވާނެކަން މުސުމާއި ބެހޭ ޤައުމީ އިދާރާއިން ފާހަގަކުރައްވައެވެ.

އެ އިދާރާއިން ވިދާޅުވާ ގޮތުގައި، މެދު ރާއްޖެ އާއި އުތުރުގެ އަތޮޅުތަކަށް، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންނަމަވެސް، އަންގާރަ ދުވަހުގެ ފަހުން މޫސުން މަޑުވާން ފަށާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ކަނޑުތައްވެސް މަޑުވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.


ޟުސުން ގޯސްވުމުގެ ސަބަބުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ. ވުމާއިއެކު، މި އަތޮޅުތަކުގައި ކަނޑުދަތުރުތައް ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޢީދު ބަންދާއި ދިމާކޮށް، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ވެސް އަންނަނީ، ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ކޯސްޓްގާޑުން ހާމަކުރައްވާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ކަނޑުމަތީގެ ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން އުޅަނދުން ތެޔޮ ހުސްވުމާއި، ދިޔަވުމުގެ ހާދިސާތައް ރިޕޯޓްކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ކޯސްޓްގާޑުން ހާމަކުރައްވައެވެ.

އީދު ބަންދަށާއި،، އެނޫންވެސް ބޭނުންތަަކށް ކަނޑުދަތުރުފަތުކުރާއިރު، މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލުމާތުތައް ހޯދައިގެން ދަތުރުތައް ރޭވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރައްވައެވެ.