ޚަބަރު

ބަންދުތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެގެން އައިޑީކާޑު ހަދަންޖެހިއްޖެނަމަ ހެއްދޭނެ


އަޟްޙާ ޢީދު ބަންދުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެގެން އައިޑީކާޑު ކޮންމެހެން ހަދަންޖެހިއްޖެނަމަ، އައިޑީކާޑު ހެދޭނެ އިންތިޒާމު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން ހަމަޖައްސައިފިއެވެ.

އަޟްޙާ ޢީދާއި، ސްކޫލް ޗުއްޓީއާއި ދިމާކޮށް ފެށޭ ހަފްތާއެއްކޮށް ދިމާވަނީ ސަރުކާރު ބަންދު ދުވަސްތަކާއެވެ. އެދުވަސްތަކުގައި ސަރުކާރުގެ އިދާރާތައް ބަންދު ވީނަމަވެސް، ކޮންމެހެން ހަދަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން ވިދާޅުވެއެވެ.

އެގޮތުން ކުއްލި ޙާލަތެއް މެދުވެރިވެގެން އައިޑީކާޑު ހައްދަން ޖެހިއްޖެނަމަ އެޑިޕާޓްމަންޓުގެ ހޮޓްލައިން 7280368 ނަމްބަރު ފޯނަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ކާޑު ހެދުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެކަމަށް އެޑިޕާޓުމަންޓުން ވިދާޅުވެއެވެ.

ރާއްޖޭގައި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގައާއި، ޢާއްމު އެހެނިހެން ޚިދުމަތްތަކުގައި އެއީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އަންނަނީ ބޭނުންކުރަމުންނެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައާއި، ސިއްޙީ ޚިދުމަތްތައް ހޯދުމުގައި އައިޑީކާޑު ކޮންމެހެން ބޭނުންވެއެވެ. އެހެންކަމުން އައިޑީކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން އައިޑީކާޑު އައުކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން އިލްތިމާސްކުރައްވައެވެ.

ސަރުކާރުގެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން، އައިޑީކާޑު ޑިޖިޓަލްކޮށް ބޭނުންކުރެވޭނެ މަގު މިހާރުވަނީ ފަހިކޮށްފައެވެ.