ކުޅިވަރު

ޕާކިސްތާން ބަލިކޮށް ކުވެއިތު ސެމީއާ ގާތަށް


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ޕާކިސްތާން ބަލިކޮށް ސެމީ ފައިނަލާ ގާތަށް ކުވެއިތު ޖެހިލައިފިއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު ކުޅުނު މެޗު ކުވެއިތުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ކުވެއިތު ނުކުތީ ގިނަ ބަދަލުތަކަކާއެކުގައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ އެގާރައިން އަށް ބަދަލެއް ހިމެނެއެވެ. އަނެއްކޮޅުން މި މެޗަށް ޕާކިސްތާނުންވެސް ނުކުތީ ބަދަލުތަކަކާއެކުގައެވެ. އެގޮތުން އެ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓްއަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ކުވެއިތުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު ކުވެއިތަށް ކާމިޔާބުކޮށްދިނީ ހަސަން އަލަނޭޒީއެވެ. މިއީ މަހްދީ ދާޝްތީ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ހަތް މިނެޓު ފަހުން ކުވެއިތުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުބާރަކް އަލް ފަނީނީއެވެ. މިއީ އީދް އަލް ރާޝިދީގެ އެހީތެރިކަމާއެކު މުބާރިކް ކާމިޔާބުކުރި ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުވެއިތުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ޖަހާދިނީ ފަނީނީއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ކުވެއިތުން މެޗުގެ ކޮންޓްރޯލް ނަގައި ޕާކިސްތާނުގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 47 ވަނަ މިނެޓުގައި ކުވެއިތުގެ އީދް އަލް ރާޝިދީ ލަނޑު ޖެހި ނަމަވެސް، ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގައި ޕާކިސްތާނުން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ އެ ޓީމުގެ މުޙައްމަދު ވަލީދު ޚާން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކުވެއިތުގެ ގޯލްކީޕަރު ބަދުރް ބިން ސާނޫނެވެ.

މި މެޗުގެ 69 ވަނަ މިނެޓުގައި ކުވެއިތުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީދް އަލް ރާޝިދީއެވެ. މިއީ ޕާކިސްތާނުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ރާޝިދީ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށްފަހުވެސް ކުވެއިތަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ޕާކިސްތާނަށް ވަނީ ގެއްލިފައެވެ. މި ގްރޫޕުގައި މިރޭ ކުޅޭ މެޗުގައި މުބާރާތް ބާއްވާ ޤައުމު އިންޑިއާއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.