ޚަބަރު

މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި


  • މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރާއި ހެލްތު މިނިސްޓަރ ބައިވެރިވެވަޑައިގެންނެވި

  • މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ ކަނޑައެޅުއްވީ ނައިބު ރައީސް ފައިޞަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަޢުދީ ޢަރަބިއްޔާގެ މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް، މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާފައި މިވަނީ 1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ސަޢުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ނައިބު ރައީސް ސަޢުދީއަށް ފުރާވަޑައިގަތީ މިމަހުގެ 22 ވަނަ ދުވަހުއެވެ.


މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ އެކުދިންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރާއި، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަނޑައަޅުއްވާފައެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ 1000 ކޯޓާގެ ދަށުން އެކި ދުވަސްމަތިން މިހާރުވަނީ ޙައްޖަށް ދާ ގްރޫޕްތައް ސަޢުދީއަށް ގޮސްފައެވެ. މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 27 ވާ އަންގާރަ ދުވަހެވެ.