ޚަބަރު

އެމްއާރުއެމް އުވާލަން ފަސްކުރަން ނެރުއްވި އަމުރު ދަމަހައްޓަވައިފި


  • - އެމްއާރުއެމް އުވާލައްވަން ނިންމެވީ 3،000 މެމްބަރުން ހަމަނުވެގެން މިދިޔަ މަހު 24 ވަނަ ދުވަހު

  • - ސިވިލް ކޯޓުގެ ފަރާތުން ވަގުތީ އަމުރު މުރާޖަޢާކޮށްދީފައި ނުވާތީ އެމްއާރުއެމްއަށް ފިޔަވަޅެއް ނޭޅޭނެ

  • - ޣައިރު ޙާޟިރުގައި އަމުރު ނެރެދެއްވަން ހުރަސްއެޅޭފަދަ ޙަޤީޤަތެއް އެމްއާރުއެމްގެ ފަރާތުން ހާމަނުކޮށް އޮތްކަން އީސީއަށް ބަޔާންކޮށެއް ނުދެއްވުނު

  • - ޣައިރު ޙާޟިރުގައި ޢަމުރު ނެރެދެއްވުމަށް ހުރަސްއެޅޭ ފަދަ ސަބަބެއް ހުރިކަމަށް ޝަރީޢަތަށް ބުރަނުވެވޭ

  • - އެމްއާރުއެމްގެ މިހާރުގެ ރައީސަކީ ފާރިސް މައުމޫން، ޕާޓީގެ ޒަޢީމަކީ ރައީސް މައުމޫން

މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް ޢަމަލުކުރެއްވުން މަޑުޖައްސާލެއްވުމަށް ސިވިލް ކޯޓުން ނެރުއްވި ޢަމުރު މުރާޖަޢާކޮށްދެއްވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމަވައިފިއެވެ.

އެމްއާރުއެމް އުވާލައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދެއްވުމަށްފަހު މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

މިމައްސަލާގައި އެމްއާރުއެމްއިން ވަނީ އިލެކްޝަންސްގެ ނިންމުން ބާތިލުކޮށްދިނުން އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ކޯޓުގައި ދަންނަވައިފައެވެ. އެމްއާރުއެމްއިން ކޯޓުގައި މިގޮތަށް ދެންނެވުމުން ކޯޓުން ވަނީ އިލެކްޝަންސްގެ ނިންމުމަށް ޢަމަލުކުރުން 30 ދުވަހަށް ފަސްކުރުމުގެ ޢަމުރެއް ނެރުއްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރުއެމް އުވާލެއްވުމަށް ނިންމެވި ނިންމުން މަޑުޖެއްސުމަށް ސިވިލް ކޯޓުން ނެރުއްވި ވަގުތީ އަމުރު މުރާޖަޢާކުރެއްވުމަށް ހުށަހަޅުއްވައިފައެވެ. މިމައްސަލާގައި ސިވިލް ކޯޓުން ކުރެއްވި ޢަމުރުގައި ވިދާޅުވީ އެކޮމިޝަނުގެ ޣައިރު ޙާޟިރުގައި އަމަރު ނެރެދެއްވަން ހުރަސްއެޅޭ ފަދަ، ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދަ ޙަޤީޤަތެއް އެމްއާރްއެމުން ހާމަނުކޮށް އޮތްކަން އިލެކްޝަންސް ކޮމިޝަނަށް ބަޔާންކޮށްދެއްވިފައި ނުވާކަމަށެވެ.

އެއީ އަމުރު މުރާޖަޢާކޮށްދެއްވުމަށް އީސީން ހުށަހެޅުއްވި އެއް ނުކުތާއެވެ. ޣައިރު ޙާޟިރުގައި އަމުރުނެރެދޭން ތަންނުދޭ ސަބަބުތަކެއް ހުރިކަމަށް، އެމްއާރްއެމުން ހުށަހެޅި ލިޔެކިއުންތަކަށް ބަލާއިރު ކޯޓަށް ބުރަނުވެވޭ ކަމަށް ވެސް އެ ނިންމުމުގައި ވިދާޅުވެފައިވެއެވެ.

އެމްއާރުއެމްއަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންވައިގެން އުފެއްދެވި ޕާޓީއެކެވެ. އެޕާޓީގެ މިހާރުގެ ރައީސަކީ ރައީސް މައުމޫންގެ ދަރިކަލުން އަހޙްމަދު ފާރިސް މައުމޫނެވެ. އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދެއްވީނީ 20 ނޮވެމްބަރު 2019 ގައެވެ.