ޚަބަރު

ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި: އީސީ


  • ލޯފަން މީހުން ވޯޓުލާން ކޮންމެ ވޯޓުފޮއްޓެއް ކައިރީގައި އެކަމަށް ޚާއަސް ޓެމްޕްލޭޓެއް އޮންނާނެ

  • މިއީ ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ޙައްޤު އަދާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް

  • އިންތިޒާމުތައް ހަމަޖެހި، ކޮމިޝަނުން ވަނީ މިކަމަށް ފުރިހަމަ ތައްޔާރުވެފައި

  • މިހައްޤު ހޯދުމަށް ލޯފަން މީހުން ވަނީ އެކި އިދާރާތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައި

  • ލޯފަން މީހުންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގުރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފައި

ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރެއްވުމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިޞްލާޙާއިއެކު، އިންތިޚާބުތަކުގައި ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރެއްވުމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޞްދީޤުކުރައްވާފައެވެ. ޤާނޫނަށް ގެނެވުނު މި އިޞްލާޙާއިއެކު ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ.

އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެ ކަމަށް އިޞްލާޙްގައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ޚާއްޞަ ޓެމްޕްލޭޓެއް ބޭނުން ކޮށްގެން، ފެނުމުން މަޙްރޫމްވެފައިވާ މީހުން އަމިއްލަ އަށް ވޯޓުލުމަށްޓަކައި، އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނެވުނު އިޞްލާޙަކީ، ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ޙައްޤު އަދާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި އިންތިޚާބީ ނިޒާމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމުގައެވެ.

ޤާނޫނަށް ގެނެވުނު މި ބަދަލާއިއެކު އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތަކަށް އެކޮމިޝަނުން ވަނީ ތައްޔާރު ވެފައިކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާ ފެށިފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެންނެވި އިޞްލާޙުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މި ފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވަންވާނެއެވެ. ފެނުމުން މަޙްރޫމްވެފައިވާ މީހުންވެސް ވޯޓްފޮއްޓަށް ވޯޓު ކަރުދާސް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ކަރުދާސް ފަތްޖަހާފައި ކަމަށް އިޞްލާޙުގައި ވެއެވެ.

މިބަދަލާއިއެކު މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޮމިޝަނުން ވިދާޅުވީ، ކޮންމެ ވޯޓުފޮއްޓެއް ކައިރީގައި އެމީހުންނަށް ވޯޓުލެވޭނެ ޓެމްޕްލޭޓެއް އޮންނާނެކަމަށެވެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.