ކުޅިވަރު

ބޫޓާން ބަލިކޮށް ރާއްޖެއިން ފެށުން ރަނގަޅުކޮށްފި


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބޫޓާން އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ރާއްޖެއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 6 ވަނަ މިނެޓުގައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ. މިއީ ބޫޓާންގެ އޭރިއާ ތެރެއިން ހަމްޕުއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ހަމްޕު ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހުވެސް ރާއްޖެއިން ވަނީ ބޫޓާންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ރާއްޖޭގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މުޅިން ހުހަށްހުރެ އިއްބެ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި ބޫޓާންގެ ކެޕްޓަން ކަރްމާ ޝެދްރަޕް އާއި ޔެޝީ ޑޯޖީ ކައިރި ކައިރީގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފްއެވެ.

އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި ޔެޝީ ޑޯޖީ އަދި ޑޯރްޖީ ކައިރި ކައިރީގައި ފޮނުވާލި ހަމަލާތައް ރާއްޖޭގެ ކީޕަރު ހުސެއިން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބޫޓާންގެ ޓެޝެލް ޓަރަމް ލަނޑު ޖެހި ނަމަވެސް ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑޯރްޖީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ވެސް ރާއްޖޭގެ ކީޕަރު ހުސެއިންއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ބޫޓާނުން ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މި ހާފުގެ ކުރީކޮޅު ރާއްޖެއަށް މާކަ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އެކަމަކު މެޗުގެ 58 ވަނަ މިނެޓުގައި ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ބޫޓާނުގެ އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ސެންޓޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބޫޓާންގެ ކީޕަރު ޓުޝްރިންގް ޑެންޕުޕްއެވެ. އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ރާއިފް އަޙްމަދު (ހަންނަ) އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ 85 ވަނަ މިނެޓުގައި ރާއްޖޭގެ ނާއިޒް ހަސަން (ދާދު) ބޫޓާންގެ ގޯލު ކުރިމަތިން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ބޫޓާންގެ ޓެޝެލް ޓްރިމް ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ރާއްޖެއިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ޖެހީ މެޗުގެ ފަހު މިނެޓުގައި ދާދުއެވެ. މިއީ ބޫޓާންގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ނާއިޒް ހަސަން ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ ހަންނައަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފައެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ދެން ހިމެނެނީ ބޫޓާން، ލުބުނާން އަދި ބަންގްލަދޭޝްއެވެ. ރާއްޖެއިން މި މުބާރާތުގެ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ރާއްޖެ ގަޑިން 15:00 ގައެވެ.