ކުޅިވަރު

ބަންގްލަދޭޝް ބަލިކޮށް ލުބުނާން މުބާރާތް ފެށީ މޮޅަކުން


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކޮށް ލުބުނާން ފެށުން ރަނގަޅުކޮށްފިއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މި މެޗު ލުބުނާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ލުބުނާނުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މި މެޗު ފަށައިގެން ލުބުނާނުން ކުރިއަށްޖެހި ބަންގަލަދޭޝްގެ ހާފަށް ނުރައްކާކުރިއިރު، މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝް ޓީމުގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސަށް ވިސްނައިގެން ކުޅުނު މަންޒަރެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ލުބުނާންގެ ފޯވާޑް ކަރިމް ޑާވިޗްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ލުބުނާންގެ ޚަލީލް ބާޑާ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ބަންގްލަދޭޝްގެ ކީޕަރު އަންސުރް ރަޙްމާންއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ އެމްޑީ ފޮއިސަލް އަޙްމަދު ފާހިމްއަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލުބުނާންގެ ކީޕަރު އަލީ ސަބީހެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ބަންގްލަދޭޝްއިން ކުޅުން ރަނގަޅުކޮށް ލުބުނާންގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ފޮއިސަލްއަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ. މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލުބުނާންގެ ކީޕަރު ސަބީހެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ލުބުނާންއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ބަންގްލަދޭޝްގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ލުބުނާންއަށް ކާމިޔާބު ކޮށްދިނީ ހަސަން މާޓޮކްއެވެ. މިއީ ކަރިމް ޑާވިޗްގެ އެހީތެރިކަމާއެކު މާޓޮކް ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފަހު މިނެޓުގައި ލުބުނާނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. ޒެއިން އަލް އަބިދީންގެ އެހީތެރިކަމާއެކު މި ލަނޑު ލުބުނާންއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޖޯރްޖް ފެލިކްސްއެވެ.

ގްރޫޕް ބީގައި ލުބުނާން އާއި ބަންގްލަދޭޝްގެ އިތުރުން ދެން ހިމެނެނީ ރާއްޖެ އާއި ބޫޓާންއެވެ. ރާއްޖެ އާއި ބޫޓާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:00 ގައެވެ.