ޚަބަރު

ދައުރު ދަންމާލަން ހުށައެޅި ހުށައެޅުމަށް އިޖާބައެއް ނުދެއްވި، މަޖިލިސް ޗުއްޓީއަށް


  • މެޖޯރިޓީ ލީޑަރު ހުށައެޅުއްވީ މަޖިލީހުގެ ދައުރު ދަންމާލަން، ނަމަވެސް ދައުރު ދަންމާނުލި

  • ދެން އައު ދައުރު ފެށޭނީ އަންނަ އޯގަސްޓް މަހުގެ 16ގައި

  • މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް އެބަހުރި

  • ދާއިމީ 17 ކޮމިޓީ އޮވޭ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލާ ނިމެންދެން، މިދައުރުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މެންބަރުން އެދިވަޑައިގެންފައިވަނިކޮށް، ޖަލްސާތައް ނިންމާލައްވާ މަޖިލިސް ޗުއްޓީއަށް ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި އޮތުމަށްފަހު ބޭއްވި މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިއޮތީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްކުރުމަށް ބަހުސްކުރުމެވެ. ނަމަވެސް ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި، ވަކި ޕާޓީއަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލްކުރައްވާނެ ގޮތެއް ނިންމެވުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައިކަމަށް މަޖިލީހުގެ އެޖެންޑާގައި އޮތީ ކަނޑައަޅަފައެވެ.

މިކަމާއި ގުޅިގެން މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގައި އެޖެންޑާކޮށް ބަހުސްކުރެވޭ މަސައްކަތެއް ނިމިއްޖެނަމަ ވޯޓަށް އަހަން ވާނެކަމަށް މަޖިލީހުގެ ޤަވާއިދު ބަޔާންކުރާކަމަށެވެ. އަސްލަމް ވަނީ ކޮމިޓީތައް އެކުލަވާލުމަށް ވޯޓަށް ނާހައި މަޖިލިސް ޗުއްޓީއަށް ދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ މީގެ ކުރިން މަޖިލިސް ޗުއްޓީގައި އޮންނަ ދުވަސްވަރުވެސް މަޖިލީހުގެ މުހިންމު މަސައްކަތްތައް ކޮމިޓީތަކުގައި ކުރެވެމުންދާކަމަށެވެ. އެހެންކަމުން މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ކޮމިޓީތައް އެކުލަވާލުމުގެ މުހިންމުކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަސްލަމްގެ އިތުރުން މަޖިލީހުގެ އެމްޑީޕީގެ އެހެން މެންބަރުންވެސް އެދިވަޑައިގަތީ އެގޮތަށެވެ.

"އަޅުގަނޑު ހުށައަޅަނީ އިތުރު ޖަލްސާއެއް ބާއްވައިގެންނަމަވެސް މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ދައުރު އިތުރުކުރަން." މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

އިތުރު ޖަލްސާއެއް ބާއްވައިގެން މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަސްލަމް ހުށައެޅުއްވި ނަމަވެސް އިތުރު ޖަލްސާއެއް ބޭއްވުމަށް ރިޔާސަތުން ނުނިންމަވައެވެ. މަޖިލިސް ޗުއްޓީއަށް ދިޔަނަމަވެސް، ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް އެދުމަށް މަޖިލީހުގެ ޤަވާއިދު ހުރަހެއްނެތެވެ.


މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޕާޓީތަކާއި އަމިއްލަ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް އަލުން އެކުލަވާލެއްވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމެވީ، އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގަތުމާއި ގުޅިގެން، މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާއި ގުޅިގެންނެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތުމުން، ކޮމިޓީތަކުން ނިންމަންޖެހޭ ބައެއް ކަންކަމާއި މުހިއްމު އެހެން ބައެއް މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. މިގޮތުން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން އާއްމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅަންޖެހޭއިރު، އެ ކޮމިޓީ ނުބޭއްވޭތީ އެކަމުގައި ގޮތްތަކެއް ނުނިމި، އިތުބާރު ނެތްކަމުގެ މައްސަލަތައް އޮތީ މަޑުޖެހިފައެވެ.

މަޖިލީހުގައި ދާއިމީ 17 ކޮމިޓީ އޮވެއެވެ.