ޚަބަރު

ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު އާންމުން އެދޭ ސަރަހައްދުތައް ބަންދު ކުރަނީ


  • ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމީ ޢާޏްމުންނަށް ޢީދުގެ ހަރަކާތްތައް ހިންގުމަށް މަގުފަހިކުރުމަށް

  • ކަލަންޑަރުގައިވާގޮތުން މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 28 ވާ ބުދަ ދުވަސް

ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު އާންމުން އެދޭ ސަރަހައްދުތައް ބަންދު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމަވައިފިއެވެ.

މިއަދު ބޭއްވި މާލެސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އެގޮތަށް ނިންމެވީ، މާލޭގެ އެކި ސަރަހައްދުތައް ބަންދުކޮށްގެން ޢީދު ފާހަގަ ކުރުމުގެ ގޮތުން، ކުދިކުދި ހަރަކާތް ހިންގުމަށް މަގު ފަހި ކުރުމަށާއި، ކުރީ ފަހަރުތަކާއި ހިލާފަށް ހުރިހާ މަގެއް މަގެއްގައި ދުއްވާތަކެތި ދުއްވުން މަނާ ކުރުމުން އާންމު ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުންނެވެ.

މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފަދައިން ކަންތައް ކުރުމުގެ ސަބަބުން ޢީދުކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކަށާއި ތުއްތުކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ ފަރާތްތަކަށާއި އަދި ދުއްވާތަކެތީގައި އުޅޭ ފަރާތްތަކުގެ މަސައްކަތަށް ވެސް ބުރޫނާރާ ގޮތަކަށް އެ ދެދުވަހުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ ކުރިން ޢީދު ނުވަތަ ޚާއްޞަ ދުވަސްތަކާއި ގުޅިގެން މާލެ ސަރަހައްދުގައި ވަކި ގަޑިތަކެއް، ދުއްވާ އުލަނދަށް ނުދުއްވޭގޮތަށް ފައިމަގުގައި އުޅޭގޮތަށް ކަނޑައަޅައެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 28 ވާ ބުދަދުވަހެވެ.