ޚަބަރު

ހަކަތައިގެ ދާއިރާގެ ތަރައްޤީއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް


ރާއްޖޭގެ ކަރަންޓްގެ ނިޒާމްތައް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓް ފޯރުކޮށްދިނުމުގެ ގޮތުން، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީއެއް ދިވެހި ސަރުކާރަށް ދެއްވައިފިއެވެ. 

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ދެއްވި 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ، މައިގަނޑު ގޮތެއްގައި ބޭނުން ކުރެއްވުމަށް ނިންމަވާފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓް ކުރުމަށެވެ. މި ދާއިރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 70 މެގަވޯޓްގެ، ސޯލާއިން ކަރަންޓް އުފައްދާ ނިޒާމްތައް ޤާއިމް ކުރުން ހިމެނެއެވެ. އެގޮތުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ތިލަދުންމަތީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމެވެ. މި މަޝްރޫއާއެކު އެ ސަރަހައްދުގައި އުފައްދާ ކަރަންޓްގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލު ވެގެންދާނެއެވެ.

މި ލޯންގެ ދަށުން މާލެއާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގަ ގުޅާލުމަށްވެސް ހޭދަ ކުރުމަށް ވަނީ ހަމަޖައްސާފައެވެ. މި މަޝްރޫއަކީ ޗައިނާ މޯލްޑިވްސް ފްރެންޑްސިޕް ބްރިޖުން މާލެއާއި ހުޅުމާލޭގައި ހުރި ސްޓެލްކޯގެ އިންޖީނުގެތައް ގުޅާލާ، ދެމެހެއްޓެނިވި ގޮތެއްގައި މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ. 

ރާއްޖޭގެ ގިނަ ރަށްތަކުގައި ހުރި ކަރަންޓް ނެޓްވޯކްތަކުގައި ބޭނުންކުރާ ޑިސްޓްރިބިއުޝަން ކޭބަލް ފަދަ ތަކެއްޗަކީ ގިނަ ދުވަސްވެ، ބާވެފައި ހުރި ތަކެތި ކަމުން، އެކަމަށްވެސް މި ލޯން ބޭނުން ކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް  އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން ވިދާޅުވިއެވެ. މީގެއިތުރުންވެސް ކަރަންޓްގެ ހާލަތު ރަގަޅު ކުރުމާއި ގުޅޭ ގިނަ މަޝްރޫޢުތަކެއް މި ލޯން އެހީގައި ކުރިއަށްގެންދަވާނެ ކަމަށް  ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން ވިދާޅުވިއެވެ. 

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ދެއްވި 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި މިއަދު ވަނީ ދިވެހި ސަރުކާރާއި އެ ބޭންކާއި ދެމެދު ސޮއި ކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ. އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކްގެ ލޯން އޮފިސަރ ޑރ ޓާއޯ ރެން އެވެ. މީގެ އިތުރުން ސްޓެލްކޯއާއި ފެނަކައިންވެސް މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވެއެވެ. މި ލޯނަކީ 3.31 ފަސެންޓްގެ އިންޓަރެސްޓް ރޭޓުގައި 3 އަހަރުގެ ގްރޭސް ޕީރިއަޑާއެކު 18 އަހަރުގެ ތެރޭގައި އަނބުރާ ދައްކަވާގޮތަށް ނަންގަވާފައިވާ  ލޯނެއް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.