ކުޅިވަރު

ހާލަތާ މެދު ޕާކިސްތާން ނުވިސްނާ، މަސައްކަތްކުރާނީ ނަތީޖާ ނެރެން: ފިލިޕް


ދިމާވި ކަންތައްތަކާ މެދު ނުވިސްނާ ކަމަށާއި، މަސައްކަތްކުރާނީ ކުރިއަށްހުރި މެޗުތަކުން ނަތީޖާ ނެރެން ކަމަށް ޕާކިސްތާނުގެ އެސިސްޓަންޓް ކޯޗު ތޯބެން ފިލިޕް ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އަތުން 4-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ފިލިޕް ބުނީ މި މެޗުގައި މޮޅަށް ކުޅެ އިންޑިއާއިން ހޯދީ ހައްގު މޮޅެއް ކަމަށެވެ. އަދި އިންޑިއާ ޓީމަށް މަރުހަބާ ކިޔާކަމަށެވެ. ފިލިޕް ބުނީ މިއީ ފުޓުބޯޅަ ކަމަށާއި، ހާލަތާމެދު ވާހަކަ ދައްކައިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށެވެ.

ހާލަތުގެ ވާހަކަ ނުދައްކާ ޕާކިސްތާނުން މަސައްކަތްކުރާނީ ކުރިއަށްހުރި މެޗުތަކުން ނަތީޖާ ނެރެން ކަމަށްވެސް ފިލިޕް ބުންޏެވެ. ފިލިޕް ބުނީ ދިގު ދަތުރަކަށްފަހު ވަރުގަދަ މެޗަކަށް ނުކުންނަން ޖެހުމުން އެކަމުގައި އުނދަގޫތަކެއް ހުރި ނަމަވެސް އެއީ ދެއްކޭނެ ބަހަނާއެއް ނޫން ކަމަށެވެ. އަދި މިހާރު ފޯކަސް ހުރީ ގްރޫޕްގައި ބާކީ ކުޅެން އޮތް ދެ މެޗަށް ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންޑިއާގެ އެސިސްޓެންޓް ކޯޗު މަހޭޝް ގައުލީ ބުނީ ބައިކޮޅަށް ލަނޑެއް ނުވަދެ މި މެޗުން މޮޅުވުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އިންޑިއާއިން މިފަހުން ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސިއްރަކީ ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ލިބުން ކަން މަހޭޝް ފާހަގަކުރިއެވެ.

ޕާކިސްތާނު މެޗުގައި އިންޑިއާގެ ކޯޗަށް ދެއްކި ރަތް ކާޑަކީ ކޯޗަށް ދައްކަން ޖެހޭ ކާޑެއްކަން ގަބޫލުކުރާ ކަމަށް މަހޭޝް ވަނީ ބުނެފައެވެ. އެހުރިހާ ކަމަކާއެކުވެސް އިންޑިއާ ޓީމުގެ މިހާރުގެ އަމާޒަކީ ނޭޕާލް މެޗުކަމަށާއި، ނޭޕާލް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށް މަހޭޝް ބުންޏެވެ.

މި މުބާރާތުގައި ޕާކިސްތާނަށް ދެން އޮތީ ކުވެއިތު މެޗެވެ. ކުވެއިތުން ވަނީ ކުޅުނު ފުރަތަމަ މެޗުން ނޭޕާލުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.