ޚަބަރު

ކެމްޕޭން ލީޑަރުންގެ 3 ވަނަ މަހާސިންތާ މިމަހު ބާއްވަނީ


ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ، ރައީސް ޔާމީން 2018 ގެ ކެމްޕޭން ލީޑަރުންގެ މަހާސިންތާގެ ތިންވަނަ ބުރު މި މަހުގެ 17 އިން 19 އަށް ބޭއްވުމަށް ނިންމަވައިފިއެވެ. ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ވިދާޅުވީ، މަހާސިންތާގެ ތިންވަނަ ބުރު އަމާޒުކޮށްފައިވަނި މާލެ ސަރަހައްދަށް ކަމަށެވެ.  

މަހާސިންތާގެ މީޑިއާ އޮފިޝަލް އިބްރާހީމް މުއާޒް އަލީ ވިދާޅުވީ، މަހާސިންތާގައި ބައިވެރިވުމުގެ ދައުވަތު ޕީ.ޕީ.އެމަށާއި، އެ ޕާޓީގެ ގޮފިތަކަށް ފޮނުއްވަމުންދާ ކަމަށާއި، މިފަހަރުގެ މަހާސިންތާވެސް ކާމިޔާބު މަހާސިންތާއަކަށް ވެގެންދާނެ ކަމަށެވެ. އަދި މިފަހަރުގެ މަހާސިންތާގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.  މިނިސްޓަރުންނާއި، މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެން ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ ތަފްސީލްތައް ހިއްސާކޮށް ، ކެމްޕޭނަށް އަހުލުވެރި ކުރުވުމަށް ލީޑަރޝިޕާއި ގުޅޭ ތަމްރީންތައް ދެވިގެންދާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.  އަދި ކެމްޕޭން ލީޑަރަކަށްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ތާއީދުކުރާ ކޮންމެ މީހަކަށްވެސް އޮތް ކަމަށް ވިދާޅުވިއެވެ. 

ރައީސް ޔާމީން ކެމްޕޭން އޮފީހުގެ ފަރާތުން ވަނީ މީގެ ކުރިން މިފަދަ ދެ މަހާސިންތާ ކުރިއަށް ގެންގޮސްފައެވެ. އެއީ ރާއްޖޭގެ އުތުރަށް ޚާއްސަކުރެވިގެން ބޭއްވި މަހާސިންތާ އަކާއި، މެދު ރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ. މި މަހާސިންތާތަކަކީ ސީދާ ރައީސްގެ އަނބިކަބަލުން ފާތިމަތު އިބްރާހީމްގެ އިސްނެންގެވުމާއެކު ކުރިއަށްގެންދަވާ މަހާސިންތާއެއް ކަމަށް ރައީސް ޔާމީން ކެމްޕޭން އޮފީހުން ވިދާޅުވެއެވެ. މިފަހަރުގެ މަހާސިންތާވެސް ބޭއްވުމަށް ހަމަޖައްސާފައިވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.