ކުޅިވަރު

ޗެތުރީގެ ހެޓްރިކާއެކު ޕާކިސްތާން އަތުން އިންޑިއާއަށް ފަސޭހަ މޮޅެއް


އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023 ގައި ސުނިލް ޗެތުރީ ހެދި ހެޓްރިކާއެކު ވާދަވެރި ޕާކިސްތާން އަތުން އިންޑިއާ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މި މެޗަށް ޕާކިސްތާން ޓީމަށް އިންޑިއާއަށް އައިސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ބޯ ވިއްސާރާގައި މިރޭ ކުޅުނު މި މެޗު އިންޑިއާއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އިންޑިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އިންޑިއާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީއެވެ. މިއީ ޕާކިސްތާނުގެ ކީޕަރު ސާގިބް ހާނިފްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޗެތުރީ ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ހަ މިނެޓު ފަހުން ޗެތުރީ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ ޕާކިސްތާނުގެ އޭރިއާތެރެއިން އެ ޓީމުގެ ކެޕްޓަން އީސާ ސުލައިމާން އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއަކުން ޗެތުރީ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާ ޓީމުގެ ކޯޗަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. މިއީ އިންޑިއާގެ ބެންޗުކައިރިން ޕާކިސްތާނު ކުޅުންތެރިއެއް ބޯޅަ އެއްލާން އުޅުމުގެ ތެރޭގައި އިންޑިއާގެ ކޯޗު ސްޓިމަކް ހަމަނުޖެހުން ހިންގުމާއި ގުޅިގެން ދެއްކި ރަތް ކާޑެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އިންޑިއާގެ ސަހަލް އަބްދުލް ސަމަދަށް ވަނީ ލަނޑުގެ ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި އިންޑިއާގެ ސަންދޭޝް ޖިންޖާން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އިންޑިއާގެ މުޙައމްަދު ކުރްނިޔާންއަށްވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މެޗުގެ 75 ވަނަ މިިނެޓުގައި ޗެތުރީ ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ޕާކިސްތާނުގެ އޭރިއާގެ ތެރެއިން އެޓީމުގެ މުޙައްމަދު ސުފިޔާން ޗެތުރީއަށް ކުރި ފައުލަކާއި ގުޅިގެން ރެފުރީ ދިން ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި އިންޑިއާގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުދަންތާ ސިންގްއެވެ.

މި މޮޅާއެކު ގްރޫޕް އޭގެ އެއްވަނައިގައި އިންޑިއާ އޮތްއިރު، ދެވަނައިގައި އޮތީ ނޭޕާލްގެ މައްޗަށް ކުރިހޯދި ކުވައިތެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި މާދަމާ ހަވީރު ލުބުނާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި މާދަމާރޭ ރާއްޖެ ގަޑިން 19:00 ގައި ބޫޓާނާ ދެކޮޅަށް ނުކުންނާނީ ރާއްޖެއެވެ.