ކުޅިވަރު

މެޗު ގެއްލުނީ ފުރަތަމަ ހާފުގައި ހެދުނު ގޯސްތަކުން: އަލްބާޓޯ


ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުޅުނު ފުރަތަމަ މެޗުގައި ކުވެއިތު އަތުން ބަލިވީ ފުރަތަމަ ހާފުގައި ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށް ނޭޕާލުގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ ބުނެފިއެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިންޗެންޒޯ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ނޭޕާލް ކުޅުންތެރިން ތިބީ ބިރުގެންފައި ކަމަށާއި، ފުރަތަމަ ހާފުގައި އޭނާގެ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ހެދުނު ކަމަށެވެ.

ވިންޗެންޒޯ ބުނީ ދެވަނަ ހާފުގައި ނޭޕާލް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި، ދެވަނަ ހާފު ގިނަ ހަމަލާ އުފެއްދީވެސް ނޭޕާލް ޓީމުން ކަމަށެވެ.

ވިންޗެންޒޯ ބުނީ މިހާރު ފޯކަސްހުރީ ކުރިއަށްހުރި މެޗުތަކަށް ކަމަށާއި، އެގޮތުން ޒުވާން ކުޅުންތެރިން ކުވައިތު މެޗުގެ ދެވަނަ ހާފުގައި ކުޅުނު ގޮތަށް ކުޅެފި ނަމަ އިންޑިއާ މެޗުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކުވެއިތު ޓީމުގެ ކޯޗު އުވީ ބެންޓޯ ބުނީ މި މެޗުގެ ނަތީޖާއާމެދު ހިތްހަމަ ޖެހޭ ކަމަށާއި، އެކަމަކު މިއަށްވުރެ ރަނގަޅަށް އޭނާގެ ޓީމަށް ކުޅެވޭނެ ކަމަށެވެ. އަދި ކުރިއަށްހުރި މެޗުތަކުގައި ނަތީޖާ ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ބެންޓޯ ބުންޏެވެ.

މި މުބާރާތުގައި ނޭޕާލަށް ކުރިއަށް ދެން އޮތީ އިންޑިއާ މެޗެވެ. އަދި ކުވެއިތަށް ކުރިއަށް ދެން އޮތީ ޕާކިސްތާންގެ މެޗެވެ.