އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް ބަލިކޮށް ކުވެއިތުން ފެށުން ރަނގަޅުކޮށްފިއެވެ.
މި މުބާރާތުގައި މުޅިން އަލަށް ކުޅޭ ކުވެއިތުން ނޭޕާލްގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މި މެޗު ފަށައިގެން ކުވައިތުން ނޭޕާލުގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި މެޗުގެ 13 ވަނަ މިނެޓުގައި ކުވައިތުގެ މުޙައްމަދު އަބްދުﷲ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ކުވައިތުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޚާލިދު ޚައްޖާހްއެވެ.
މި ލަނޑަށްފަހު ވެސް ކުވައިތުން ނޭޕާލްގެ ގޯލަށް ނުރައްކާކޮށްފައިވާއިރު، މެޗުގެ 35 ވަނަ މިނެޓުގައި މުޙައްމަދު އަބްދުﷲ ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ކުވައިތުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ނޭޕާލްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝަބައިބް އަލް ހަބްރީއެވެ.
ދެވަނަ ހާފު ފަށައިގެން ނޭޕާލުން ކުރިއަށްޖެހި ކުވައިތުގެ ގޯލަށް ނުރައްކާކުރެވޭތޯ ބެލި ނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި ކުވައިތުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ ނޭޕާލުގެ އޭރިއާ ތެރެއިން އެ ޓީމުގެ އަނަޓާ ޓަމަންގްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއަކުން ކުވައިތުގެ މުޙައްމަދު އަބްދުﷲ ކާމިޔާބުކުރި ލަނޑެކެވެ.
އެކަމަކު މެޗުގެ 69 ވަނަ މިނެޓުގައި ނޭޕާލުން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަންޖަން ބިސްތާއެވެ. އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ކުވައިތުގެ މުޙައްމަދު އަބްދުﷲ ނޭޕާލުގެ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ނޭޕާލުގެ ކީޕަރު ކިރަން ކުމާރެވެ.
ގްރޫޕް އޭގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާންއެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން 19:00 ގައެވެ.