ޚަބަރު

ވިޔަފާރިތައް ކުރިއެރުވުމަށް "އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް"


ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްޞަދުގައި، ހުޅުމާލޭގައި ފުޑް ކާނިވަލެއް ފަށައިފިއެވެ.

'އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް' ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މި ކާނިވަލަކީ އެޗްޑީސީ، ތިންކް، ދިރާގު އަދި ފުޑް ޓޭސްޓްއެމްވީ ގުޅިގެން ބާއްވާ ކާނިވަލްއެކެވެ.

ކުދި ފަންތިއާއި މެދު ފަންތީގެ އިތުރުން، ބޮޑެތި ބައެއް ވިޔަފާރިތަކުން ބައިވެރިވާ މި ކާނިވަލުގައި ކާބޯތަކެތިގެ ވިއްކުމުގެ އިތުރުން، އެ ތަކެތި ރަހަ ބަލާލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ކާބޯތަކެއްޗަށް ހާއްސަކޮށްގެން ބޭއްވިނަމަވެސް، ފުޑް ކާނިވަލްގައި ކާބޯތަކެތީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ އެހެން ވިޔަފާރިތަކުގެ އުފެއްދުންތައް ވިއްކާ ސްޓޯލްތައްވެސް ހުރެއެވެ. އޭގެތެރޭގައި ހެދުމާއި، އެކި އާޓިސްޓުންގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މި ކާނިވާ އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ އެޗްޑީސީގެ ޑިރެކްޓަރ މަރކެޓިން އެންޑް ޕީއާރު، ނިއުޝާދު ޝަރީފް ވިދާޅުވީ، މި ކާނިވާ ކުރިއަށްގެންދަން ނިންމީ، މިއީ މީގެކުރިން ހުޅުމާލޭގައި ބާއްވާފައި ހަރަކާތަކަށް ނުވާތީ، އެފަދަ ހަރަކާތެއް ބާއްވައިގެން ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށްކަމަށެވެ. އަދި މި ކާނިވަލުގައި ކާބޯތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ބައިވެރިވިޔަސް، ގޭގައި ކާބޯތަކެތި އުފައްދާ ގިނަ އަދަދެއްގެ ވިޔަފާރިތަކުންވެސް ބައިވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އަސްލު ފުޑް ސެލެބްރޭޝަނެއް. މިތަނުގައި ލައިވް ކުކިން އެބަދޭ ކުރިއަށް، ބޭކްޑް ހޯމް ފުޑްސް އެބަހުރި. ޖޫސާސްއާއި އޭގެ އިތުރަށް އެންޓަޓެއިންމަންޓާއި ރެކްރިއޭޝަން މި އޮންނަނީ. އަޅުގަނޑުމެން މި އުއްމީދު ކުރަނީ މި ކޮންސެޕްޓަށް ހުޅުމާލޭގައި ކާނިވަލެއް ބޭއްވުނީމަ މިއީ ކުރިއެެރުމެއްކަމަށް ލިބޭ ކުދި އަދި މެދު ވިޔަފާރިތަކަށް" ނިއުޝާދު ޝަރީފް ވިދާޅުވިއެވެ.

މި ފުޑް ކަނިވަލުގައި ބައިވެރި ވިޔަފާރިތަކުން ވަނީ މިފަދަ ހަރަކާތެއް ބޭއްވުމުގެ މުހިއްމުކަމާއި، އެފަދަ ހަރަކާތަކުން އެ ވިޔަފާރިތަކަށް ލިބޭ ކުރިއެރުން ފާހަގަކޮށްފައެވެ. އަދި ކާބޯތަކެތީ ވިޔަފާރީގެ އިތުރުން، އެހެން ވިޔަފާރިތަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާތީ، އެކަންވެސް ވިޔަފާރިވެރިން ފާހަގަކުރިއެވެ.

ފުޑް ކާނިވަލްގައި ވިޔަފާރި ސްޓޯލްތަކުގެ އިތުރުން، މުނިފޫހިފިލުވުމާއި ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.

މި ކާނިވަލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނެގޭ ގުރުއަތަކުން ކޮންމެ ދުވަހަކުވެސް އިނާމު ލިބުމުގެ އިތުރަށް، ކާނިވާ ނިމޭ ދުވަހު ވަރަށް ހާއްސަ އިނާމެއްގެ ގުރުއަތު ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންގާރަދުވަހު ފެށި މި ކާނިވާ ކުރިއަށްދާނީ ހޮނިހިރުދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00އަށެވެ.