ޚަބަރު

ލަވަ މުބާރާތުގެ ކުދިންގެ ހުށަހެޅުންތައް ނިމިއްޖެ، ނަތީޖާ ފާޅުކުރުން ހޮނިހިރު ދުވަހު


  • މިފަހަރުގެ މުބާރާތުގައި 32 ސްކޫލަކުން 267 ކުދިން ބައިވެރިވެފައިވޭ

  • މުބާރާތް ކުރިއަށްދިޔައީ 6 އުމުރުފުރާއަކަށް ބަހާލައިގެން

  • ނާތިޖާ ފާޅުކުރުމަށް ބާއްވާ ޝޯވ ޖޫން 24 ވަނަ ދުވަހުގެ ރޭ ޔެސް ޓީވީއިން ގެނެސްދޭނެ

އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގެ ހުރިހާ ބައިވެރިންގެ ހުށަހެޅުންތައް ޕީ.އެސް.އެމްގެ ޔެސް ޓީވީން ގެނެސްދީ މިހާރު މިވަނީ ނިމިފައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން މިމަހުގެ 24 ވާ ހޮނިހިރު ދުވަހު އޮންނާނެއެވެ.

267 ބައިވެރިންނާއެކު އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ފަށާފައިވަނީ މިމަހުގެ 16 ދުވަހުއެވެ. މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

މިފަހަރުގެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ފައުންޑޭޝަން ސްޓޭޖް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.

މުބާރާތުގެ ބައިވެރިންގެ ހުށަހެޅުންތައް 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެން ގެނެސްދީފައިވެއެވެ.

އެގޮތުން މުބާރާތުގެ ފައުންޑޭޝަން ސްޓޭޖާއި، 9 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރި ދަރިވަރުންގެ ހުށަހެޅުންތައް ހަވީރު 16:00 އިން 18:00 އަކަށް ގެނެސްދިންއިރު، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރި ދަރިވަރުންގެ ހުށަހެޅުންތައް ރޭގަނޑު 20:00 އިން 23:30 އަށް ޔެސް ޓީވީން ގެނެސްދީފައިވެއެވެ.

އުމުރުފުރާތަކާއި ކުދިން ބައިވެރިވި ޢަދަދު:

• ފައުންޑޭޝަން ސްޓޭޖް (6 އަހަރުން ދަށް) : 31 ކުދިން
• 9 އަހަރުން ދަށް: 56 ކުދިން
• 11 އަހަރުން ދަށް: 59 ކުދިން
• 13 އަހަރުން ދަށް: 47 ކުދިން
• 16 އަހަރުން ދަށް: 55 ކުދިން
• 19 އަހަރުން ދަށް: 19 ކުދިން

މިފަހަރުގެ މުބާރާތުގައި 71 އަމިއްލަ ރާގެއް އިވިގެންގޮސްފައިވެއެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ޚާއްސަ ޝޯވ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ޔެސް ޓީވީން ގެނެސްދޭނެއެވެ.

މުބާރާތުގައި ކުދިންގެ ހުށަހެޅުންތަކަށް އިންސާފުކުރާނީ 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. މި ޕެނަލްގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މިވަގުތުވެސް ފިޔަޖަހަމުން އަންނަ އަދި އެތައް ދިވެހިންނެއްގެ ލޯބި ހޯދާފައިވާ ފަންނާނުންނާއި، މިއުޒީޝަނުން ހިމެނިފައިވެއެވެ.

މީގެ ތެރޭގައި މީގެކުރިންވެސް ލަވަ މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވާ ބޭފުޅުންނާއި، ދިވެހި ބަހާއި އަދަބިއްޔާތު ވަކިން ޚާއްސަކޮށް ޅެންވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެއެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް:

• ކާނަލް ޢަލީ މަނިކު (ދާރީ)
• އާދަމް ނަޞީރު އިބްރާހީމް
• ޝިފާ ތަޢުފީޤު
• މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް)
• މަރްޔަމް އުނޫޘާ
• މުޙައްމަދު ޝުހައިލް
• ފާޠިމަތު ފެޒްލީން

މިއަހަރުގެ މުބާރާތް މި ގެނެސްދެނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޕަބްލިކް ސަރވިސް މީޑިއާ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެންނެވެ.

"އިންޓަރ ސްކޫލް ލަވަ މުބާރާތަކީ" ސްކޫލް ކުދިންގެ މެދުގައި ޒަމާނުއްސުރެ ވަރަށް ވާދަވެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. 1988 ވަނަ އަހަރު ފެށި މި މުބާރާތަކީ ލަވަކިޔުމުގެ ހުނަރު އާލާކުރުމާއެކު، މި ފަންނުގައި ހަރަކާތްތެރިވާނެ ކުދިން އުފެއްދުމުގެ މަޤްޞަދުގައި ރާއްޖޭގައި ބާއްވަމުން އަންނަ މިފަދަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.

މި މުބާރާތަކީ ލަވައާއި މިއުޒިކްގެ ފަންނުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ މުބާރާތެވެ. މިއީ ރާއްޖޭގެ ވަކިން ޚާއްސަކޮށް ސްކޫލްތަކުގެ މެދުގައި އެއް ޒަމާނެއްގައި ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތްވެސްމެއެވެ. މި މުބާރާތުން ލަވަޔައާއި މިއުޒިކްގެ ފަންނަށް އަލިގަދަ އެތައް ތަރިންނެއް ވަނީ ނެރެދީފައެވެ.